ސްރީލަންކާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ސްރީލަންކާ އެކްސްޕޯ 2026 ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާ އެކްސްޕޯ ގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ސްރީލަންކާގެ ސަރުކާރުން ދީފައިވާ ކަމަށެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖޫންމަހުގެ 18 އިން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސްރީލަންކާ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލްގައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި މައުރަޒުގައި، ޓޫރިޒަމްގެ ސިނާއަތާއި، ދަނޑުވެރިކަމާއި ކާބޯތަކެތި، އަދި ހިދުމަތްތަކާއި ގުޅުން ހުރި ދާއިރާތަކުގައި ހިއްސާވާ ކުންފުނިތަކުން ތަމްސީލްކުރާނޭކަމަށެވެ.
މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު އެކި ޕެކޭޖްތައް ލަންކާ ސަރުކާރުން ވަނީ ހުށަހަޅާފައެވެ. މި މައުރަޒާއި ގުޅޭ އިތުރު މައުލޫމާތު މައުރަޒުގެ ވެބްސައިޓް srilankaexpo.lk އިން ލިބޭއިރު، މިއީ ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނޭ ރަނގަޅު ފުރުސަތަކަށް ވާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްރީލަންކާ އެކްސްޕޯގައި މީގެ ކުރިންވެސް ދިވެހި ކުންފުނިތަކުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ