އަލުން ބަލަން އެންގި ޔާމީންގެ މަރުގެ މައްސަލާގައި އެންމެ އަޑުއެހުމަކުން ގޮތެއް ނިންމަނީ

ބްލޮގަރު ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލަ އަލުން ބަލަން ފެށި ޝަރީއަތުގައި ބާއްވާނީ އެންމެ އަޑުއެހުމެއް ކަމަށާއި އެއަށް ފަހު އޮންނާނީ ގޮތެއް ކަނޑައެޅުން ކަމަށް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލާ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް ޔާމީން މަރާލުމުގެ ކުށް ސާބިތުވީ ދެ މީހުންގެ މައްޗަށް އެކަންޏެވެ. އެ ހުކުމް އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ މިދިޔަ ޑިސެމްބަރުގައި ހުކުމް ބާތިލުކޮށް، އެ ބައި އަލުން ބަލަން އަންގައިފަ އެވެ. އެ ދެ މީހުންނަކީ:
އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ 
އަހުމަދު ޒިހާން އިސްމާއިލް، ހުޅުމާލޭ ލޮޓް 11399
މީގެ އިތުރުން، ކުށް ސާބިތުނުވާކަމަށް ކުރިން ނިންމި މީހުންގެ ތެރެއިން ދެ މީހެއްގެ ހުކުމް ވެސް ބާތިލުކޮށް އަލުން ބަލަން އެންގި އެވެ. އެ ދެ މީހުންނަކީ:
މުހައްމަދު ދިފްރާން، ގދ. ގައްދޫ/ސިންދުބާދުގެ
އިސްމާއިލް ރަޝީދު މ. ތާއިފް
ތަފްސީލް - އެ މައްސަލަ އަލުން ފަށަން މިއަދު ކްރިމިނަލް ކޯޓުން އަޑުއެހުމެއް ބޭއްވި އެވެ. އެކަމަކު ދައުލަތުންނާއި ދިފާއުން ވެސް ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނުމުން މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމީ މި މަހު 26ގައި އިތުރު އަޑުއެހުމެއް ބާއްވާށެވެ. އެއަށް ފަހު މައްސަލާގައި ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
ވަގުތުން ދުރަށް ދައްކާ ގޮތަށް ކުރިޔަށް ގެންދިޔަ މި އަޑުއެހުމުގައި، މައްސަލައިގެ ރިޔާސަތު ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ ހައި ކޯޓުން އެ މައްސަލާގައި ދީފައިވާ އިރުޝާދު ވަރަށް ސާފު ކަމަށާއި އެކަމަށް ގޮތެއް ނިންމަން ބައިވަރު އަޑުއެހުންތަކެއް ބޭނުންވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"މިއީ މާ ބައިވަރު އަޑުއެހުންތަކެއް ބާއްވައިގެން ހިންގަން ޖެހޭ ޝަރީއަތްތަކެއް ނޫން. އެހެންވީމާ އެންމެ އަޑުއެހުމަކުން ވާހަކަދައްކާ ގޮތެއް ނިންމޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ [ދެން އޮންނަ އަޑުއެހުމަށް] އެކަމަށް ތައްޔާރުވެވަޑައިގަތް [ވަކީލުން] ވަޑައިގަންނަވަންވާނީ،" އިހުސާން ވިދާޅުވި އެވެ.
އެ މައްސަލާގައި ޖަވާބު ހުށަހަޅަން ތައްޔާރު ނޫން ސަބަބަކަށް ދައުލަތުން ފާހަގަކުރީ، ސައްހަކަން ކަށަވަރުކޮށް އަލުން ގޮތެއް ކަނޑައަޅަން ހައި ކޯޓުން އަންގާފައިވާ ސިޓީގެ ސައްހަކަން އަދި ކަށަވަރުނުކުރެވޭތީ ކަމަށެވެ. ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ:
ޝަރީއަތުގެ ތިން ސުވާލަކަށް ޖަވާބުދާރީވާން ތައްޔާރުވެގެން މިއަދުގެ އަޑުއެހުމަށް ހާޒިރުވާން އެންގީ އިއްޔެ
އެ މައްސަލާގައި ގާނޫނީ ބަހުސެއް ހުށަހެޅޭނީ އެއީ ފޮނުވި ސިޓީއެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރެވިގެން 
ސަބަބަކީ މީގެ ކުރިން ހިނގާފައިވާ ކަންކަމަށް ބަލާއިރު، މައްސަލައިގެ ފަހު މަރުހަލާގައި އެގޮތަށް ހެކިބަސް ނަގަން ހެކިވެރިން އާންމުކޮށް އެދިފައި އޮންނަނީ ބިރުދެއްކައިގެން ކަމަށް ވާތީ 
މިހާރު ހެކިބަސް ނެގިޔަސް ކުރިން އިއްވާފައިވާ ހުކުމަށް އަންނާނެ ބަދަލެއް ނޯންނާނެ 
ކުރިން ކުށް ސާބިތުވާކަމަށް ހުކުމް ކުރި ދެ މީހުންގެ ބައިގައި ހައި ކޯޓުން އަންގާފައިވަނީ، އެ މައްސަލާގައި ހެކިބަސްދިން ދައުލަތުގެ ސިއްރު ހެކިވެރިޔަކު ހެކިބަސް އަނބުރާ ނަގަން ފޮނުވި ސިޓީގެ ސައްހަކަން ކަށަވަރުކޮށް އަލުން ގޮތެއް ނިންމުމަށެވެ. އެއީ އެ ހެކިބަހަކީ މަޖުބޫރުން ދީފައިވާ ހެކިބަހެއް ކަމަށް އެ ސިޓީގައި ބުނެފައިވާތީ އެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގައި ގާޒީ އިހުސާން ވިދާޅުވީ ހައި ކޯޓުން އިރުޝާދުދީފައި ވަނީ، އެކަން ކޯޓުން ބަލަން ކަމަށާއި އެހެންކަމުން އެކަން ކުރާނީ ކޯޓުން ކަމަށެވެ. އެ މައްސަލާގައި ކުށް ސާބިތުވި ދެ މީހުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ވަކި ގޮތެއް ކަނޑަނޭޅި ވަރަށް ގިނަ ދުވަހު ބަންދުގައި ތިބެފައި ވާތީ އެއީ މިވަގުތު އެންމެ އަވަހަށް ނިންމަން ބޭނުން މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ކޯޓުން އަޅުގަނޑު އެކަން ކުރާނަން. ތިބޭފުޅުން [ޖަވާބުދާރީވާން] ތައްޔާރުވޭ. އީމެއިލްގެ ޒަރިއްޔާއިން ވަކި ކަމަކަށް ތައްޔާރުވާން އެންގީ ވެސް އެއީ މި ދައްކަނީ ބަންދުގައި ފުދޭވަރަކަށް ގިނަ ދުވަސް ވީ ދެ މީހެއްގެ ވާހަކަ. މައްސަލަ ނިންމަން އަވަހަށް އަޅުގަނޑުމެން ބޭނުން. އެންމެ އަޑުއެހުމެއް އަޅުގަނޑުމެން ބާއްވާނީ މައްސަލާގައި އިތުރަށް. އެދުވަހު ވާހަކަދައްކަން ތައްޔާރުވެގެން ހާޒިރުވާންވާނީ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޖަވާބު ހޯދަން ދެ ސުވާލެއް ފޮނުވީ ވެސް މައްސަލައިގެ ޝަރީއަތްތައް އަވަސްކުރަން ކަމަށެވެ. ހައި ކޯޓުގެ އިިރުޝާދަށް ބަލާއިރު އެ މައްސަލާގައި ގޮތެއް ނިންމަން ދައުލަތާއި ދިފާއުގެ ބަހެއް ވެސް ޝަރީއަތަކަށް މުހިންމު ނޫން ކަމަށާއި ޝަރީއަތުން ކަށަވަރުކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމަށް ފަހު އެ ސިޓީއާ މެދު ގޮތް ނިންމީމާ ނިމުނީ ކަމަށް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމުގައި މުޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލާނެ ކަމަށެވެ.
އިހުސާންގެ އިތުރުން ބެންޗުގައި ތިއްބަވަނީ ގާޒީ މުހައްމަދު މިސްބާހު އާއި ގާޒީ އަލީ ނަދީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ