ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުންގެ މައްޗަށް އެ ކޯޓުން ހުކުމް އިއްވި އިއްވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވިލާތުގެ އިއްތިހާދުގެ އޮބްޒާވަރުން ބުނެފި އެވެ.
އީޔޫއިިން ރާއްޖެއަށް އައި ވަފްދުގެ އިސް ހަރަކާތްތެރިޔާ، ޔޫރަޕިއަން ޕާލަމެންޓްގެ ސްލޮވާކިއާގެ މެމްބަރ، އަދި ސްލޮވާކިޔާގެ ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާރސް އެޑުއާޑް ކޫކަން ރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން، އެ ކޮމިޝަނުގެ ކޯރަމް މިހާރު ގެއްލިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މިހާރު އިންތިޚާބުގެ ތައްޔާރީތަކަށް އޮތް ޕްރެޝަރ ބޮޑުވެ، ހުރިހާ ފަރާތެއްގެ ބައިވެރިވުން އޮންނަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތަކަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރުގެ އިލެކްޝަންސް ކޮމިޝަނުން ވެސް މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރާ ކަން ފާހަގަ ވާ ކަމަށާއި، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއި އޭގެ ސަބަބުތައް އެ ވަފުދުން އިތުރަށް ދިރާސާކޮށް ބަލާނެ ކަމަށެވެ.
މިއަދުގެ ހުކުމުގައި، ޖަލުގެ ހުކުމް އިއްވާފައި ވަނީ ފުއާދު ތައުފީޤަށް އެކަނި ކަމުގައި އެ ހުކުމުގައި ބަޔާން ކޮށްފައި ވިޔަސް، ރާއްޖޭގެ މީޑިޔާތަކުގައި ފެތުރި ޚަބަރުތަކެކޭ އެއްފަދައިން، އީޔޫގެ ބަޔާނުގައި ވެސް ޖަހާފައި އޮތީ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެމްބަރުން ޖަލަށް ލުމަށް ހުކުމް ކުރި ކަމަށެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، އެ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ގޮތްގޮތަށް ވާހަކަ ދައްކައި، އެފަދަ ވާހަކަ ދެއްކުމަށް ހިތްވަރުދީ ހައްދަވާފައި ވާތީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު މީގެ 3 އަހަރު ފަހުން 6 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ. ނަމަވެސް، ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގައި ބުނަނީ، މި ހުކުމް ތަންފީޒު ކުރާނީ ހުކުމް ތަންފީޒު ކުރުން ފަސް ކުރެވޭ 3 އަހަރުގެ މުއްދަތުގެ ތެރޭގައި އެއްވެސް ކަހަލަ ކުށެއް ނުކޮށްފި ނަމަ، ހުކުމް އިއްވުނު ފަރާތަށް މާފު ދެވޭނެ ކަމަށެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން މީޑިޔާތަކުގައްޔާއި އެހެނިހެން ތަންތަނުގައި ވާހަކަ ދައްކާފައިވާ ކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް ކަމަށް ވުމުން، އެ ބޭފުޅުންގެ މަޤާމުގެ ހައިސިއްޔަތު މިހާރު ގެއްލިފައިވާ ކަމަށާއި، މިހާރު އެ ދެ ބޭފުޅުންނަކީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ނޫން ކަމަށް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ.
އަދި، ކަނޑައެޅިފައިވާ ތާރީޚުގައި މަޖިލީސް އިންތިޚާބު ބޭއްވުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނުން ގުޅިގެން ކުރިޔަށް އޮތް 6 ދުވަސް ތެރޭގައި ވާން ޖެހޭ ތައްޔާރީތައް ވުމަށް އަމުރުކޮށްފައި ވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ތިބީ 2 މެމްބަރުންނެވެ. ޤާނޫނު ބުނާ ގޮތުގައި، އެ ކޮމިޝަނުން މަސައްކަތެއް ކުރެވޭނީ ކޮމިޝަނުގައި 3 މެމްބަރުން ތިބެގެންނެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ އެއްވެސް ވާހަކަ އެއް އިއްވި ހުކުމުގައި ބަޔާން ކޮށްފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިންތިޚާބު ބޭއްވުމަށް ގޮންޖެހުން ކުރިމަތިވާނެ - އީޔޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ