ރާއްޖޭގެ ޞިއްޙި ދާއިރާގައި މަސައްކަތްކުރާ މުވައްޒިފުންނަށް އަމާޒުކޮށްގެން ކުރުނބާ މޯލްޑިވްސްގައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
ބައްދަލުވުން އިފްތިތާޙްކޮށްދެއްވަމުން ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. ޝީޒާ ޢަލީ ވިދާޅުވީ މިމަސައްކަތު ބައްދަލުވުމަކީ ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ ޞިއްޙަތު މުޢާހަދާގައިވާ ގޮތުން ޞިއްޙީ ކަންކަން ކުރިއެރުވުމަށް ކަމާއި ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން އަހުލުވެރިކުރުވުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.
ޑރ. ޝީޒާ ވިދާޅުވީ ބައިނަލްއަޤްވާމީ ޞިއްޙަތު މުޢާހަދާއަކީ ދުނިޔޭގެ ޞިއްޙީ ޖަމިއްޔާއިން އިސްނަގައިގެން އެޖަމިއްޔާގައި ބައިވެރިވާ 194 ޤައުމުން އެއްބަސްވެ ސޮއިކޮށްފައިވާ މުޢާހަދާއެއް ކަަމަށެވެ. މިމުއާހަދާގައި ސޮއިކުރެވުނީ 2005 ވަނަ އަހަރު ކަމަށާއި އަމަލުކުރަން ފަށައިފައިވަނީ 2007 ވަނަ އަަހަރު ކަމަށެވެ.
ޑރ. ޝިޒާ ވިދާޅުވީ ބަލި މަޑުކަމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ގައިން ގައަށް އަރާ ބަލިތައް ނޫން ކަަމަށާއި ކެމިކަލެއްގެ ނުރައްކަލުން ސަލާމަތް ވުމަކީ ވެސް ބަލިތަކުން ސަލާމަތްވުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޞިއްޙީ ޖަމިއްޔާއިން ބާރުއަޅަނީ އެފަދަ ހާލަތްތަކުގައި ވެސް ސަލާމަތްތެރިކަމާއިއެކު ދަތުރުފަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަށް ކަމަށެވެ.
ޑރ. ޝީޒާ ވިދާޅުވީ މިކަމަށްޓަކައި އެކުލަވައިލައިފައިވާ އައިއެޗްއާރު ކޮމިޓީގައި ހިމެނެނީ ޞިއްޙީ ދާއިރާ އެކަނި ނޫން ކަމަށާއި އެކަމާއި ގުޅުންހުރި އެހެން ދާއިރާތަކުގެ މަންދޫބުންވެސް ހިމެނޭ ކަމަށެވެ. އަދި މިމަސައްކަތު ބައްދަލުވުމުގެ ތެރެއިން މަންދޫބުންގެ މަސައްކަތު ދާއިރާ ކަނޑައެޅިގެންދާނެ ކަަމަށެވެ.
ޑރ. ޝީޒާ ވިދާޅުވީ ރާއްޖޭގައި ބަލިމަޑުކަމުގެ މާބޮޑެތި މައްސަލަތަކެއް ނެތް ނަމަވެސް އެހެން ޤައުމުތަކުގައި ފެތުރޭ ބަލިމަޑިކަމުން ސަލާމަތްވުމަށް ރާއްޖޭގައި ގެންދަނީ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އަދި އެފަދަ ކަންކަމަށް ޞިއްޙީ ދާއިރާ ނޫން އެހެން ދާއިރާތަކުން ދޭ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާ ކަަމަށެވެ.
ޞިއްޙީ ދާއިރާގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ