އެމަނިކުފާނު ފިއްލަވައިގެން ނޫޅުއްވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރައްވަނީ ގަބޫލުކުރައްވާ ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނާ ގުޅޭގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެން މިއަދު ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ޕީޕީއެމް / އެމްޑީއޭ ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް، ގާސިމް އިބްރާހިމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކަށް ޖަވާބުދެއްވަމުން ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ އެމަނިކުފާނު ނުފިއްލަވާ ކަމަށާއި ދިރިއުޅުއްވަނީވެސް މާލޭގައި ކަމަށެވެ.
"އެމަނިކުފާނު [ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް] އެހާ އަޑަށް ބާރުލައްވާފައި ވިދާޅުވީމާ ދެން އަޅުގަނޑު ފިލާ ހުރި ވާހަކަ، އަޅުގަނޑު ފިލައެއް ނޫން މިހުރީ. އަޅުގަނޑު ހަމަ ރާއްޖޭގައި އުޅެމުން މިދަނީ. މަނިކުފާނަށް ވެދުން ސަލާމަށްފަހު ދަންނަވާލަން އޮތީ މަނިކުފާނޭ އަޅުގަނޑު ފިލައެއް ނޫނޭ މިހިރީކީ. އެކަމަކު އަޅުގަނޑުގެ ސިކުނޑިއަށާއި އަޅުގަނޑަށް ގަބޫލުކުރެވޭ ހަމަތަކަކާ އެއްގޮތަށް އަޅުގަނޑު މަސައްކަތް ކުރާ މީހަކަށް ވާތީ އެގޮތަށް މަސައްކަތް ކުރުން މަތީ އަޅުގަނޑު ދެމި މިހުރީ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް މީހަކާ ޖެހިގަނެގެން ރުޅި އައިސްގެން އުޅޭ މީހެއް ނޫން ކަަމަށާއި އަބަދުވެސް ހައްގާއި އިންސާފުގެ މަގުގައި ހުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. ގައުމުގެ ތަރައްގީއާ ކުރިއެރުމަށް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާކަން ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން"ގެ ނަމުގައި މިހާރު ކުރިއަށްދާ ހަރަކާތްތަކާއި ގުޅޭ ގޮތުން ގާސިމް އިބްރާހިމް ވިދާޅުވީ އެ ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނުގެ ރަސްމީ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ނަަމަވެސް އެ ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ފެނިވަޑައިގަންނަވާ ކަމަށާއި އެއީ އެބޭފުޅުން އަމިއްލަ ހައިސިއްޔަތުން ކުރައްވާ ކަމެއް ކަމަށްވާތީ އެކަމުގައި އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަނިޔާވެރިކަމާ ދެކޮޅު ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރުން ކަމުގައިވާ އަމީން އިބްރާހީމާއި ޑރ. ހުސައިން ރަޝީދު ހަސަން ގެންދަވަނީ ބައިވެރިވަޑައިގަންނަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ވަކި ބަޔަކާ އެކު ކަމެއް ކުރުމަށްވެސް އަދި ނުކުރުމަށް ވެސް ޖުމްހޫރީ ޕާޓީގެ ސްޓޭންޑެއް ނޯންނާނެ ކަމަށެވެ. އަދި ވަކި މީހަކަށް ވެރިކަން ހޯދައިދިނުމަށާއި ވަކި މީހަކާ ދެކޮޅަށް ވެސް ޖުމްހޫރީ ޕާޓީއާ އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާރު އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން އެހިންގާ ހަރަކާތްތަކުގައި ރަސްމީއެއް ވެސް ހައިސިއްޔަތެއްގައި އަޅުގަނޑުމެން ބައިވެރިވެގެން، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރާ ކަމެއް ނެތް ވާހަކަ ދަންނަވާލަން، އަޅުގަނޑު ކުންފުންޏަށް ދިމާވި ކަންތަކުގައި ވިޔަސް އެހެން ކަމެއްގައި ވިޔަސް އަޅުގަނޑު މިހިރީ ރައީސް [އަބްދުﷲ ޔާމީން] އަރިހަށް ދާން ނުވަތަ އަދީބު [ޓޫޒަމް މިނިސްޓަރު އަހުމަދު އަދީބު] އަރިހަށް ވެސް ދާން ތަކުރާރުކޮށް އަޅުގަނޑު މިދަންނަވަނީ. މިސްއަންޑަސްޓޭންޑިންއެއް އުޅޭތީ އެކަންކަން ސާފުކޮށްދޭން" ޤާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ އެމްޑީޕީއާ ގުޅިގެން ވެރިކަން ހޯދުމަށް ކަމަށް އަދީބް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ ވެރިކަން ހޯއްދަވަން އެމަނިކުފާނު ނޫޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައި އޮތް އެއްޗެއް އެމަނިކުފާނަށް އޮޅިވަޑައިގެންފައި ނުވާ ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް އަމަލުނުކުރައްވާނެ ކަމަށެވެ. ގާސިމް އިބްރާހިމަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް އެވެ.
އަޅުގަނޑު މިހުރީ ފިލައެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ