ޒައީމު މައުމޫނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕާޓީ އަށް އެންމެ ފައިދާ ހުރި ގޮތަކަށް ނޫން: ތަސްމީން

ޑީއާރުޕީގެ ޒައީމު އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕާޓީ އަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ސަން ނޫހުގެ ސިސްޓާ މެގަޒިން ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތަސްމީނު އާދިއްތަ ދުވަހު ވިދާޅުވީ، ސިޔާސީ މައިދާނުން ރިޓަޔާ ކުރެއްވުމަށް ފަހު ޕާޓީގެ އެތެރޭގައި އޮތް ހިޔާލު ތަފާތުވުމެއްގެ ތެރެއިން އެއްފަޅިން، ޒައީމު މައުމޫނު ފެނިގެން ދިއުމަކީ ޕާޓީ ހަރުދަނާކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށް ނުވާނެ ކަމަށެވެ.
"ބައިބައިވުމުގެ ތެރެއިން އެއްބަޔަކާ އެކީގައި ޒައީމު ހުންނަވާތަން ފެނުމަކީ ހިތާމަކުރާކަމެއް. އެއީކީ ޕާޓީ ހަރުދަނާ ކުރުމަށް އޮތް ރަނގަޅު މަގެއްނޫން. ޕާޓީގެ ޒައީމުގެ ޝަރަފާއި ގަދަރު އެރުވީ އެމަނިކުފާނަކީ ގައުމުގައި 30 އަހަރު ވެރިކަން ކުރައްވައި ގައުމަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވައި ޕާޓީ އުފައްދަވައި ޕާޓީ ވަކި ހިސާބަކަށް ގެންނެވުމުގެ މުހިއްމު ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް ވާތީ. ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނު ހުންނަވަން ވާނީ ޕާޓީގެ އާއްމު ޕޮލިޓިކްސުންމަތީގައި. އެހެންވީމާ ޕާޓީގެ އެތެރޭގައި އޮތް ހަމަނުޖެހުމެއްގެ ތެރެއިން، އެއްފަޅިން ފެނިގެން ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީ ހަރުދަނާ ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށެއް ނުވާނެ،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ، ޕާޓީގެ ކަންތައްތަކުގައި ޒައީމު މައުމޫނު ލަފާފުޅު ދެއްވާ ކަމަށެވެ. ނަމަވެސް އެފަދަ ކޮންމެ ލަފާފުޅަކީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އޭނާ ގަބޫލުފުކުރައްވަން ޖެހޭ ލަފާފުޅެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ޒައީމު ދެއްވާ ލަފާފުޅުތަކުގެ ތެރެއިން ތަސްމީނު ބޭނުންފުޅު ކުރައްވަނީ އެފަހަރަކު ތަސްމީނަށް ފެނިވަޑައިގެންނެވި ލަފާފުޅެއް ކަމަށާއި ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންވާއިރު އެއްވެސް ފަރާތަކުންދޭ ލަފައަކީ ކޮންމެހެން ގަބޫލުކުރައްވަން ޖެހޭ ލަފައެއްނޫން ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ޕާޓީން ވަކިކުރަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށް، ޒައީމު މައުމޫނު ވިދާޅުވި ވިދާޅުވުން ފާހަގަ ކުރައްވައި ތަސްމީނު ވިދާޅުވީ، ޕާޓީގެ ގުނަވަންތަކުން ނިންމާ ނިންމުންތައް ބާތިލް ކުރުމަށާއި އެއަށް އިހްތިރާމް ނުކުރުމަށް ޒައީމު ގޮވާލެއްވުމަކީ ޕާޓީ ހަރުދަނާ ކުރެއްވުމަށް އެޅޭ ފިޔަވަޅެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ހިޔާލު ތަފާތުވި ކަމުގައި ވިޔަސް އަދި ޒައީމުގެ ހިޔާލުފުޅު މިކަމުގައި ތަފާތު ވިޔަސް އަޅުގަނޑު ބަލާ ގޮތުގައި ޕާޓީގެ ގުނަވަންތަކުން ނިންމި ނިންމުން ބާތިލްކޮށް ނުވަތަ ބާތިލްކުރި ގޮތަށް ބަޔާނެއް ނެރުއްވައި އެކަން ކުށްވެރި ކުރުމަކީ އެއީ ޕަޓީގެ ތެރޭގައި ހަމަނުޖެހުން ހައްލުވުމަށް އެޅޭނޭ މަގެއްނޫން" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ، ޒައީމު މައުމޫނު އައްޑުއަށް ވަޑައިގެންފި ނަމަ ޖިސްމާނީ އަނިޔާތައް ދޭނެ ކަމަށް، ޕާޓީގެ އެއް ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯތަކެއްގެ މައްސަލައިގައި، ތަސްމީނު އެކަން ކުށްވެރި ނުކުރައްވަނީސް ތަސްމީނާ އެކު ޖަލްސާއެއްގައި ބައިވެރިވެވަޑައިނުގެންނެވުމަށް ޒައީމު ނިންމަވާފައިވާ ނިންމުމަކީ ވެސް ރަނގަޅު ނިންމެވުމެއްނޫން ކަމަށެވެ. އަދި އެކަމުގައި ޒައީމު ބައްލަވަންޖެހިވަޑައިގަންނަވާ ވަރަށް ބައްލަވާފައިނުވާ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
"ޝަރީފާ އަޅުގަނޑު ސުވާލު [ކުރުމުން އެއީ] ސައްހަ އެއްޗެއް ކަމަށް އިންކާރުކުރި. އެހެންވީމަ އޭގައި ސައްހަކަން ކޮންމެސް ވަރަކަށް އެސްޓަބްލިޝް ނުކުރެވެނީސް [ސާބިތުވެގެން ނުދަނީސް] އެކަން ކުށްވެރިކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަޖެހޭ ކަމެއް ނޫނޭ. އަޅުގަނޑު ދެންނެވިން އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުއްވުން އެއީ އެންމެ ރަނގަޅު މަގޭ. އަދި ތަހުގީގަކަށް ފަހު ޝަރީފު އެފަދަ އެއްޗެއް ވިދާޅުވެފައި އޮވެއްޖެއްޔާ އެކަން ކުށްވެރިކުރާނަން. ނަމަވެސް އޭގެ ސައްހަކަން ނޭގެނީސް އެކަމުގައި ހިމެނޭ އެއްފަރާތުން އެކަމަށް އިންކާރުކޮށްކޮށް އޮއްވައި އެކަން ކުށްވެރި ކުރުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" ތަސްމީނު ވިދާޅުވި އެވެ.
އެހެންނަމަވެސް ޝަރީފު ދެއްކެވި ކަމަށް ބުނާ ވާހަކަތައް ހިމެނޭ އޯޑިއޯ ލީކުވުމާގުޅިގެން، ޒައީމު މައުމޫނަށް ސަޕޯޓްކުރާ ފަރާތްތަކުން ޑީއާރުޕީ އޮފީސްދޮށަށް އެއްވެ ޝަރީފާ ދެމެދު ހިނގި ހަމަނުޖެހުމުގައި ޝަރީފަށް އަނިޔާވި މައްސަލަ ތަހުގީގު ކުރުމަކާ ނުލައި ޑީއާރުޕީން ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ނަމަވެސް ތަސްމީނު ވިދާޅުވީ، ޕާޓީން ކަންކަން ކުށްވެރި ކުރުމުގައި ހަމަޖެހޭ މިންގަނޑެއް ގެންގުޅެންވާނެ ކަމަށެވެ. އަދި ޝަރީފުގެ އޯޑިއޯގެ މައްސަލައިގައި، ޝަރީފު ޕާޓީގެ ކައުންސިލް ޖަލްސާއަކަށް ވަޑައިގަންނަވަނިކޮށް ޖިސްމާނީ ގޮތުން ހަމަލަދީ ހެދި މައްސަލައަކީ ވެސް ކުށްވެރިކުރަން ޖެހޭނެ މައްސަލައެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ޕާޓީގެ ޒައީމުގެ ސެކިއުރިޓީންގެ ގޮތުގައި ހަރަކާތްތެރިވާ ބޭފުޅުން ހިމެނިގެން ދިޔަ ކަމަށް ރިޕޯޓްތައް އިވުމާގުޅިގެން އެކަން ކުށްވެރިކުރަންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ހަމަ އެހެންމެ އަޅުގަނޑު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޖަލްސާއެއްގައި އިންދައި ޕާޓީ ކައުންސިލްގައި ހިމެނޭ ބައެއް ބޭފުޅުންނާއި ޒައީމާއެކީގައި އަރިހުގައި ވަރަށް ބޮޑަށް މަސައްކަތްކުރައްވާތަން ފެންނަ ބޭފުޅުން އައިސް އަޅުގަނޑު އިން ޖަލްސާއަށް ހަމަލަދީ އަޅުގަނޑު ކުރިމަތީގައިން މޭޒު ތަޅައިގެންގޮސް މި ހުރިހާ ކަމެއް ހިނގި އިރު އެކަން ވެސް އަޅުގަނޑު ބަލާ ގޮތުގައި ހާއްސަ ގޮތެއްގައި ޕާޓީގެ ޒައީމު ކުށްވެރިކުރުމަކީ އެމަނިކުފާނު ކުރެއްވުން ރަނގަޅުކަމެއް. ކުށްވެރިކުރާ ވާހަކަ ދައްކާ އިރު މީގައި ކޮންމެސް ކަހަލަ އިންސާފުވެރި ހަމަހަމަ ގޮތްތަކެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ، ކުރިން ޒައީމު އަރިހަށް ވަޑައިގެން، އެ ކަންކަމަކީ ބޮޑެތި ކަންކަން ކަމުގައި ތަސްމީނަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގައި ޒައީމާ މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް ތަސްމީނު ޕާޓީ ހިންގަވަނީ ހުދުމުހުތާރު ގޮތެއްގައި ކަމަށް ވިދާޅުވެ ޒައީމުގެ ދަރިކަނބަލަކު މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނަށް ފަހު ޒައިމާ މަޝްވަރާ ކުރުން ވަރަށް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ، ޕާޓީގެ ޒައީމު ކަމުގެ މަގާމަކީ ޝަރަފްގެ މަގާމެއް ކަމަށެވެ. އަދި ޕާޓީގެ އެންމެހާ ހިންގުމާއި މަސްއޫލިއްޔަތުތަކާއި ނިންމުންތައް ނިންމުމުގެ މަސްއޫލިއްޔަތުތައް އޮންނަނީ ޕާޓީގެ ލީޑަރަށާއި ކައުންސިލަށާއި ގައުމީ ޖަލްސާ އަށް ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
"އެ މަގާމަކީ ޝަރަފްގެ މަގާމެއް އެ މަގާމަށް އިނގިރޭސިބަހުން ބޭނުން ކުރާނީ އޮނަނަރީ ލީޑަރުކަން ކަމަށް އަސާސީ ގަވާއިދުގައި ލިޔެފައި އޮންނާނެ. ހަމަ އެހެންމެ ޕާޓީގެ ޒައީމުގެ މަސްއޫލިއްޔަތުތަކާ ޒިންމާތަކެއް އަސާސީ ގަވާއިދުގެ އެއްވެސް ތަނެއްގައި ލިޔެފިފައެއް ނޯންނާނެ." ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ ޒައީމު ޕާޓީން ވަކިކުރެއްވުމުގައި ޕާޓީގެ އަސާސީ ގަވާއިދު އެހާ ސާފުނޫން ކަމަށެވެ. އަދި އެކަމަކީ ވިސްނުމުގައި ނެތް ކަމެއް ކަމުން އެކަމާ ބެހޭ ގޮތުން މިހާތަނަށް ގާނޫނީ ލަފައެއް ހޯއްދަވާފައި ނުވާނެ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ. އަދި ޒައީމު މައުމޫނުގެ ވިސްނުންފުޅު އެނގިވަޑައި ނުގަންނަވާ ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅަކީ އަލުން ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުން ކަމަށް ވާ ނަމަ އެކަން ވެސް ސާފުކޮށް ހާމަކުރެއްވުމުން ޕާޓީގެ މެންބަރުންނަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
"މިކަމުގެ ފަހަތުގައި ވަނީ ކޮންކަމެއްކަން ދަންނަވާކަށް ނޭނގެ. ޒައީމު އަރިހުން ފެންނަމުންދާ ބައެއް ޕާލަމެންޓްރީ މެންބަރުންނާއި ކައުންސިލް މެންބަރުން ވިދާޅުވޭ، އެމަނިކުފާނު ސިޔާސީ ޒައާމަތަށް ގެނައުމުގެ މަސައްކަތްޕުޅެކޭ މި ކުރައްވަނީ. އަނެއްބައި ބޭފުޅުން ވިދާޅުވޭ، އަލުން ޕާޓީއެއް ހައްދަވާނީއޭ ނިކުންނެވުމަށް. އަނެއްބަޔަކު ވިދާޅުވޭ ޕީއޭގެ ރައީސް އަބުދުﷲ ޔާމީނު ވެރިކަމަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅެކޭ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ޕާޓީގެ އެންމެ މަސްލަހަތު ހުރި ގޮތެއްކަމަށް ގަބޫލު ކުރަނީ، އެއިން ކޮންމެ ވިސްނުންފުޅެއް ގެންގުޅުއްވި ކަމުގައި ވިޔަސް އެކަން ސާފުކޮށް ވިދާޅުވުން އޭރުން އެކަން އޮންނަ އުސޫލަކުން ޕާޓީގެ މެންބަރުން އެކަން ހަމަޖައްސަވާނެ." ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ