ދިވެހި ސަރުކާރާ ވިލާ ގުރޫޕާއެކު ހަދާފައިވާ ސެޓްލްމަންޓް އެގްރިމަންޓް ބާތިލްކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާ ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އެކަން ނުކުރެވޭނެ ކަމުގައި ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވީމީޑިއާ ގުރޫޕުގެ ވީޓީވީއަށް މިރޭ ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވިލާ ގުރޫޕުގެ ދަށުން ހިނގަމުންދާ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހުރި ކަމަށް ބުނެ ސަރުކާރާއެކު ހަދާފައިވާ ސެޓްލްމަންޓް އެގްރިމަންޓް ސަރުކާރުން ބާތިލްކުރި ނަމަވެސް ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ. ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް ހުރި ކަމަށް ބުނެ މިއަދުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ދައްކަވަމުން ގެންދަވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
"އެހެނެއް ނޫން ބައެއް ފަހަރު ދިމާވެފައި އެބަހުރި ބޭނުންވާ މުއްދަތަށް ފައިސާ ނުދެއްކިގެން އެހެންނަމަވެސް ޖޫރިމަނާއާއެކު ފައިސާ ދައްކާ ނިންމާފައި މިހާތަނަށް ހުންނާނީ. އެއްވެސް ފައިސާއެއް އަޅުގަނޑުމެން ނުދެއްކި ނުހުންނާނެ. އެދެން ބައެއް ފަހަރު އަޅުގަނޑުމެންނަށް ބޭރުން ޓުއައޮޕަރޭޓަރުންގެ އަތުން ލިބެންޖެހޭ އެޑްވާންސާ އެއްޗެތި ލިބުމުގައި ދަތިތަކެއް ހުރެެގެންނާއި އެހެން ދިމާވާ ފަަހަރުފަހަރުގައި އެހެންދިމާވެފައި އެބަހުރި. އެދެން ހަަމަވެދާނެވެސް ކަމެއް. އެހެންނަމަވެސް އެވެސް ޕެނަލްޓީ އިންޓްރެސްޓާއެކު އަޅުގަނޑުމެން ދައްކާ ނިންމާފައި ހުންނާނީ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް ނުދައްކާ ހުރި ކަމަށް މިނިސްޓަރު އަދީބް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މިދިޔަ އަހަރު ދައުލަތަށް އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް ދިން "ރަންލާރި" އެވޯޑް ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ވަނީ ދީފަ އެވެ. މި އެވޯޑް ވިލާ ގުރޫޕާ ހަވާލުކުރެއްވީ ވެސް ރައީސް އަބްދުﷲ ޔާމިން އެވެ. އަދި ވިލާ ގުރޫޕުގެ ފަރާތުން މިއެވޯޑާ ހަވާލުވެވަޑައިގަތީ ގާސިމް އިބްރާހިމް އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ކުންފުނިތަކުން ދައުލަތަށް ފައިސާ ނުދައްކާ ހުރި ކަމަށް ބުނެ މިނިސްޓަރު އަދީބް ވިދާޅުވަމުން ގެންދަވަނީ ސިޔާސީ ގޮތުން ޒާތީ ގޮތުން ވިދާޅުވާ އެއްޗެއް ކަމުގަ އެވެ. ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ބަަރާބަރަށް ދައްކާފައި ހުރިކަން ލިޔެކިޔުންތަކުން ފެންނަން ހުންނާނެ ކަމަށާއި އަދި އެކަން ސާބިތުވެސް ކޮށްދެވޭނެ ކަމުގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުން ވިލާ ގުރޫޕާއެކު ހަދާފައިވާ ސެޓްލްމަންޓް އެގްރިމަންޓަކީ އެކަން ކުރަން ސަރުކާރަށް މަޖުބާރުވެގެން ކުރި ކަމެއް ކަމަށެވެ. އެގޮތަށް އެކަން ކުރަންޖެހުނީ ސަރުކާރުން ތަފާތު ބޭފުޅުންނަށް ދޫކޮށްފައިވާ ރަށްތައް ވިލާ ގުރޫޕުން އެތައް މިލިއަން ޑޮލަރެއް ދައްކާ އެތަންތަން ގަނެފައިވާ ތަންތަނާއި ވިލާ ގުރޫޕަށް ނިސްބަތްވާ ތަފާތު ބޭފުޅުންނަށް ސަރުކާރުން ދީފައި ހުރި ތަންތަނަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ނުކޮށްދިނުމުން ކޯޓަށް އެމައްސަލަތައް ހުށަހަޅާ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުން ވިލާ ގުރޫޕަށް ގެއްލުމުގެ ބަދަލު ފައިސާގެ ގޮތުން ދޭން ޖެހި ސަރުކާރަށް ފައިސާގެ ގޮތުން ބަދަލު ދެވެން ނެތުމުން ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެދި އެކަމުގެ ތެރެއިން ވިލާއަށް ރަށްތަކެއް ދޭން އެއްބަސްވީ ކަމުގައިވެސް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންނަށް އެންގެވީ ނަގާށޭ ރަށެއް. މި ދެރަށުގެ ނަމުގައި ހަނިމާދޫއާ ކައްދޫގެ ނަމުގައި ރިސޯޓް ހަދަން ރަށެއް. އެއީ އެހެންވެސް އެގޮތަށް ސިޓީ ހޮޓާ އަޅަން ހުރި ތަންތަނަށް ރަށް ދެއްވާ ގޮތަށް ސަރުކާރުން ހަމަޖައްސަވާ އެގޮތަށް ހަމަޖައްސަވައިގެން ގެންދަވާތީ އެގޮތަށް އެނިންމީ. ނިންމާފައި އަޅުގަނޑުމެންނަށް އެންގީމާ ދެން އަޅުގަނޑުމެން ރަށެއް ހޯދަން މަސައްކަތް ކޮށް ބަލަބަލާ ހަމަ ދަންނަވާއިރަށް އެރަށް އޮތީ މައްސަލަ ޖެހިފައި. ނޫނީ މީހަކަށް ދީފައި މައްސަލަ ޖެހިފައި ނޫނީ މީހަކަށް ދީފައި. ދެން އެންމެފަހުން އަޅުގަނޑުމެން ދެންނެވީ ދެން އެންމެ ރަނގަޅޭ އެހެންވިއްޔާމު އަޅުގަނޑުމެންނަށް ދެއްވާށޭ ތިންފަޅު. ދެންނެވީމާ ސަރުކާރުން ވިދާޅުވީ މާރަނގަޅޭ އަދީބް ވިދާޅުވީ މާރަނގަޅޭ. ތިގޮތް ހަމަޖައްސައިދެއްވާނަމޭ ތިމަންނަ. އެހެންވީމާ އަޅުގަނޑުމެން ތިންފަޅު އެދުނީ. އޮފްކޯޒް ފަޅުޖެހޭނީ ފުރަތަަމަ ހިއްކަން. ހިއްކައިގެން ގަސް ރުއް އަޅަން. އަޅައިގެން އެތައް ބުރަ މަސައްކަތް ކޮށްގެން ރަށެއްގެ ބަދަލުގައި މާއުފާވާނެ ދޯ ސަރުކާރުން ހަމަ އެގޮތަށް ދޭން. އެހެންވީމާ އެގޮތަށް ހަމަޖެެއްސީ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރާއެކު ސެޓްލްމަންޓް އެގްރިމެންޓް ހަދާފައިވަނީ ހަމައެކަނި ވިލާ ގުރޫޕުން ނޫން ކަަމަށާއި، ނަމަވެސް ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމާއި ހިލާފަށް ވިލާ ގުރޫޕާއި މެދު ސަރުކާރުން ފިޔަވަޅު އަޅާފައިވާ ކަަމަށެވެ. އަދި ވިދާޅުވީ 2007 އަދި 2008 ވަަނަ އަހަރު އެތައް ސަތޭކަ ރަށެއް ހަދަން ދޫކުރެވި ނުހެދި އެބަހުރި ކަމަށާއި ނަމަވެސް ސެޓްލްމަންޓް އެގްރިމެންޓާ ހިލާފުވެގެން ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އެއްބަސްވުން ބާތިލްކުރި ރައްތަކުގެ ތެރޭގައި ހިމެނެނީ މަދު ރަށްތަކެެއް ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މީގެ 2007 ވަނަ އަހަރުގެ ކުރިން ފަޅުތަކާއި ރަށްތައް ބަޔަކު ބޮޑުއަގުގައި ކުއްޔަށް ނަގައި އަދި އެތަންތަން ހެދުމަށް ބައެއް ބޭންކްތަކުން ލޯން ނަގަން އެއްބަސްވުމަކަށް އައިސްފައިވަނިކޮށް ސަރުކާރުން ޓޫރިޒަމްގެ މާސްޓަ ޕްލޭނަށް ގެނައި ބޮޑު ބަދަލަކާއި ގުޅިގެން އޭރު ތަންތަން ކުއްޔަށް ނަގައިގެން ތިބި މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"މާސްޓަ ޕްލޭން ބަދަލުކޮށްލައްވާ އެއަށް ބައްލަވާނުލައްވާ ހެއްދެވުމުގެ ސަބަބުން މީގެ ތެރެއިން ޕީނަލައިޒްވި މީހުން ނުވަތަ އޭގެއިން ގެއްލުން ލިބުނު ފަރާތްތަކަކީ އޭރު އެއްކަލަ ބޮޑު ކުލި ފަސްހާސް، ހަހާސް ޑޮލަރު ދައްކައިގެން ބިޑުން ނަގައިގެން 10،000 ޑޮލަރު ދައްކައިގެން ބިޑެއް ނަގައިގެން ތިބިހާ އެންމެން. މިއެންމެންނަށް އެއްކަލަ ޕްރޮޖެކްޓްތައް ފީސިބަލްއެއް ނުވި މިގޮތަށް ރާސްލާފައި އެއްޗެތިތައް އަޅާލީމާ މާކެޓަށް. މިގޮތަށް ނިކުތީމާ ރަށްތަކާއި އަނެކެއްޗެހިތަކާއި ދެން މިހެން އައިސް މިހާރު ފަޅެއް އޮތަސް އެދެނީ ވަރިހަމަ ދެލައްކަ ޑޮލަރު ދެއްކި ނަމަވެސް. 10،000 ޑޮލަރު 15،000 ޑޮލަރު 1.5 މިލިއަން ޑޮލަރު ދިނަސް ދެ މިލިއަން ޑޮލަރު ދިނަސް އެހެރަ ދެނީ އެތަންތަން. 50 އަހަރަށް ވެއްޖެ. 99 އަހަރަށް ވެއްޖެ. އަނެކައްޗަކަށް ވެއްޖެ. ދެން އެހެންވީމާ ކުރީގައި ހުރި އެއްޗެތި ފީސަބަލްވާނެ އެއްވެސް ގޮތެއްވެސް ނެތް. އެއްވެސް ބޭންކަކު ލާރި ދޭކަށް އެއްބަހެއް ނުވޭ. އެއްވެސް މީހަކަށް ނުހެދިގެން އެ އުޅެނީ އެހެންވެ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ސަރުކާރުން ގޯސްކޮށް ކުރާ ކަންކަމުގައި އަބަދުވެސް ބަސްބުނާ މީހަކަށްވާތީއާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހަކަށްވާތީ ސަރުކާރުގެ ތެރެއިން ތަންތަން ހޯދަން އުދަގޫތަކާއި އަބަދުވެސް ކުރިމަތިވާ ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން އެމަނިކުފާނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށްޓަކައި ވިދާޅުވާންޖެހޭ އެއްޗެއް ވިދާޅުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކިތަންމެ ބޭނުންވިޔަސް ވިލާގެ ތަންތަނުގެ އެއްބަސްވުން ބާތިލެއް ނުކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ