ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުން ޕީޕީއެމް ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް އިން ވާދަ ކުރައްވަން ކުރިމަތިލެއްވި ކެންޑިޑޭޓް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭގެ) ނަން އަނބުރާ ގެންދަވާ އެ ދާއިރާއަށް ޕީޕީއެމް އިން ވާދަ ނުކުރާ ގޮތަށް ނިންމާ ޖުމްހޫރީ ޕާޓީގެ ކެނޑްިޑޭޓް އަބްދުﷲ ޖާބިރަށް ޕީޕީއެމުން ތާއީދުކުރަން ނިންމައިފި އެވެ.
ދިޓީވީގެ ސްޓޫޑިޔޯގައި މިރޭ ޕީޕީއެމްގެ ކައުންސިލް މެންބަރު ވައްޑޭއާއި އެ ޕާޓީގެ ނައިބު ރައީސް އުމަރު ނަސީރާއި ދެ ބޭފުޅުން އެއްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓާއި ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓް އެއްކޮށް ވާދަކޮށްފިނަމަ ކާށިދޫ ދާއިރާގެ ގޮނޑި އިދިކޮޅު އެމްޑީޕީން ނަގާފާނެ ކަމުގެ ބިރަށް ޓަކައި ގައުމީ މަސްލަހަތު އިސްކޮށް ޕީޕިއެމްގެ ކައުންސިލްގައި ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވުމަށް ފަހު ވައްޑޭ އަމިއްލައަށް ނަން އަބުރާ ގެންދިއުމަށް ނިންމެވީ ކަމަށެވެ.
"ޕީޕީއެމާއި ޖުމުހޫރީ ޕާޓީ އެއްކޮށް ކުރިމަތިލައި ވޯޓް ބައިބައިވެ އެހެން ބަޔަކަށް އޭގޭފައިދާ ދޭންވީތޯ ނޫނީއްޔާ ޕީޕީއެމް ގުރާބާން ވެފައި ފަހަތަށް ޖެހިފައި ދޫކޮށްލަން ވީތޯ؟ މިއީ ވަރަށް އުނދަގޫވި ނިންމުމެއް. ސަބަބަކީ ޕީޕީއެމަށް ނިސްބަތްވާ 400 އަށް ވުރެ ގިނަ މެންބަރުން މި ދާއިރާގައި އެބަތިއްބެވި ސަބަބަކީ އަޅުގަނޑުމެން އެބަޖެހޭ އެބޭފުޅުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުން އަޅުގަނޑުމެންވަރަށް ގިނަ މަޝްވަރާތައް ކުރުމަށް ފަހު ވަރަށް ގިނަ ބޭފުޅުންނާއި މަޝްވަރާކުރެއްވި އަޅުގަނޑުމެން ވެސް ޕާޓީގެ އެކިއެކި އިސްބޭފޫޅުންނާއި ވާހަކަ ދައްކާފައި ނިންމެވި ގޮތަކީ މިވަގުތުގައި ޖުމުހޫރީ ޕާޓީއާއި ޕީޕީއެމް ކާށިދޫ ދާއިރާގައި ވާދަކޮށްފިކަމުގައި ވަނީނަމަ ވޯޓް ބައިވެ ދެ ޕާޓިއަށް ވެސް ކާމިޔާބުނުކުރެވި އެމްޑީޕީއަށް ގޮނޑި ހިނގައިދާނެކަމުގެ ބިރު އޮތަތީ ޕީޕީއެމުން ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ގެނެސްފައިވާ ސަރުކާރަކަށް ވާތީ ދެ ޕާޓީ ވާދަކޮށްގެން ސަރުކާރުގެ ޅަފަތުގައި ގެއްލުމެއް ވެދާނެ ކަމަށް ފެންނާތީވެ އަޅުގަޑުމެން ގަސްތުކުރީ ފަހަތަށްޖެހެން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމުން ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލާގައި ފަހަތަށް ޖެހުނީ އިއްތިހާދުގެ ސަރުކާރަށް އެކަމުން ލޮޅުމެއް އަރާފާނެތީ ކަމަށާއި އެގޮނޑިއަށް ކުރިމަތިލުމުގެ ކުރިން ވެސް ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލާގައި ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އާއި ވާހަކަދެކުވުނު ކަމަށާއި އެގޮތުން ޕީޕީއެމްގެ ޓިކެޓްގައި ޖާބިރު ވާދަކޮށް ޕީޕީއެމަށް މަޖިލިހުގެ ގާނޫނީ ހައިސިއްޔަތު ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ދެނެނެވި ކަމަށާއި އަދި ޖާބިރުއަށް ފުރިހަމަ ތާއީދު ޕީޕީއެން ދެއްވާނެ ކަމަށް ވިދާޅުވިނަމަވެސް އެކަން ޖުމުހޫރީ ޕާޓީން ގަބޫލް ނުކުރެއްވީ ކަމަށް އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމް އުފެދުމަށްފަހު ކާށިދޫ ގޮނޑިއަށް ވާދަކުރާނެ ތޯ އެންމެ ގިނަ ބަހުސްކުރެވުނީ މި މައްސަލާގައި ކުރިމަތިލައްވާފައިވާ މުހައްމަދު ވަހީދު ކުރިއަށް ވަޑައިގެންނަވަންވީތޯ ނުވަތަ ފަހަތަށް ޖެހިފައި ޖުމުހޫރީ ޕާޓީއަށް ދޫކޮށް ލަންވީތޯ އެންމެ ބޮޑަށް މަޝްވަރާކުރެވުނު ފަހަރު. މި މައްސަލާގައި ވަރަށްގިނަ ރޭރޭ މަޝްވަރާކުރެވުނު ވަރަށް ގިނަ ބޭބޭފުޅުންގެ ތަފާތު ހިޔާލުތައް މިމައްސަލާގައި އެބަހުރި،" އުމަރު ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ ގައުމުގެ މަސްލަހަތު ފަރުދީ ހައިސިއްޔަތަށް ވުރެ އިސްކޮށް ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ބޭނުންފުޅު ނުވީ ކަމަށާއި ގައުމީ ވާޖިބެއްގެ ގޮތުގައި ދީނާއި ގައުމާއި ގާނޫނު އަސާސީގެ ހައްގުގައި ގަމުގެ މަސްލަހަތު އިސްކޮށް އެއް އަމާޒަކަށް ވާސިލްވުމަށް އިސްކަން ދީ އެޖާގަ ހުޅުވާލީ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވަނީ ވަކިފަރުދަކަށް ވުރެ ޕާޓީއެއް ބޮޑުވާނެ. ޕާޓީއަކަށް ވުރެ ގައުމު ބޮޑުވާނެ. އެހެންވުމާއި ގުޅިގެން ގައުމުގެ މަސްލަހަތު ފަރުދީ ހައިސިއްޔަތަށްވުރެ އިސްކޮށް އަޅުގަނޑު މި ގައުމީ މަސްލަހަތަށް ޓަކައި އަޅުގަނޑު މިގޮވާލަނީ އަޅުގަނޑު މިއަދު މިވަގުތުން ފެށިގެން އަޅުގަނޑުގެ ނަން ވޯޓް ކަރުދާސްކޮޅުގައި އޮތްކަމުގައި ވީނަމަވެސް ގައުމީ ވާޖިބެއްގެ ގޮތުގައި އެންމެންނަށް ވެސް މިގޮވާލަނީ އެކައްޗެއްކިޔައި އެއްއަމާޒަކަށް ދިއުމުގެ ޖާގަ އަޅުގަނޑު ހުޅުވައި ދީފީމޭ،" ވައްޑޭ ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ އޭނާ ނަން އަބުރާ ނަންގަވަން ނިންމެވި ނިންމުމަކީ ވަކި މީހަކު ބުނެގެން އެކަމާ ބިރުވެރިކަން އުފެދިގެން ކުރިކަމެއް ނޫންކަމަށާއި ޕީޕީއެމަކީ އެއިރެއްގައި އެންމެ ރަނގަޅަށް މަސްލަހަތަށް ޓަކައި ނިންމި ނިންމުމެއް ކަމަށާއި އެއްވެސްފަރާތަކުން ނަން އަނބުރާ ގެންދިއުމަށް މަޖުބޫރުކޮށްފައި ނުވާ ކަމަށެވެ.
އުމަރު ވިދާޅުވީ ޕީޕީއެމް ގޮތްދޫކޮށް ފަހަތަށް ޖެހުނީ އެއްގޮތަކަށް ވެސް ބަލިވެގެން ނޫންކަމަށާއި ޕާޓީއަށް ވުރެ ގައުމީ މަސްލަހަތު ބޮޑުވުމާއިއެކު ގައުމީ މަސްލަހަތުހިމެނޭ ކަމެއްގައި ފަހަތަށް ޖެހުމަކީ ލީޑަޝިޕް ދެއްކުން ކަމަށާއި އެގޮތުން ޕީޕީއެމުން ލީޑަޝިޕް ދެއްކުމާއިއެކު ވައްޑޭ ނިންމި ނިންމުމަށް ކާށިދޫ އަދި ގާފަރުގެ މެންބަރުން އިހުތިރާމްކުރައްވައި މިފަހަރު ޕީޕީއެމުން ނިންމި ނިމުމަށް އެދެރަށުގެ ރައްޔިތުން އަރިހުން މައާފަށް އެދިވަދައިގެންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކޮންމެ ފަހަރަކު ޕީޕީއެމް ގުރުބާން ނުކުރާނެ ކަމަށާއި އެފަދަ މައްސަލަ ތަކުގައި ކޮންމެ ފަހަރަކު ޕިޕީއެމް ފަހަތަށް ނުޖެހޭނެކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ