ސަބްސިޑީ ކަނޑާލުމުން ކަރަންޓު ބިލަށް އިތުރުވާނީ ކުޑަ އަދަދެއް - އެނާޖީ އޮތޯރިޓީ

ކަރަންޓު ސަބްސިޑީ ކަނޑާލުމުން ކަރަންޓު ބިލަށް އިތުރުވާނީ ބޮޑު އަދަދެއް ނޫން ކަމަށް އެނާޖީ އޮތޯރިޓީން ބުނެފިއެވެ.
މިކަން ހާމަކޮށް އެ އޮތީރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަރަންޓަށް ސަރުކާރުން ދޭ ސަބްސިޑީ ކުޑަކުރަން ހުއްދަދިނީ އާއްމުންގެ ފޯރުންތެރިކަމަށް ސަމާލުކަން ދީގެން ކަމަށެވެ.
މި މަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ އާ ޓެރިފް ރޭޓްގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި 500 ޔުނިޓްގެ ކަރަންޓު ބޭނުންކުރާ އާއްމު ކަސްޓަމަރުން ކުރިން ދައްކަމުން ދިޔަ ބިލަށް މި މަހުން ފެށިގެން ގާތްގަނޑަކަށް 243 ރުފިޔާ އިތުރުވާނެ ކަމަށް އެ އޮތޯރިޓީއިން ލަފާކުރެވެއެވެ. އަދި 400 ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކުގެ ބިލަށް 150 ރުފިޔާ އިތުރު ވާނެ ކަމަށް ބެލެވޭއިރު 300 ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް 130 ރުފިޔާ، 200 ޔުނިޓް ބޭނުންކުރާ ފަރާތްތަކަށް 110 ރުފިޔާ، އަދި 100 ޔުނިޓް ބޭނުންކުރާ ފަރާތްތަކަށް 60 ރުފިޔާ އިތުރުވާނެ ކަމަށް އެ އޮތޯރިޓީން ލަފާކޮށްފައިވެއެވެ.
އެ އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނުގައި ވާގޮތުގައި ކަރަންޓުގެ އަގަށް ބަދަލު ގެނައުމަށް ނިންމީ އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދީ، އާއްމުންގެ ފޯރުންތެރިކަމާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
އަދި އެ ބަދަލުގެ ސަބަބުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއް ރޭޓެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެނާޖީ އޮތޯރިޓީން ބުނިގޮތުގައި މި ޓެރިފްގެ ސަބަބުން ސަބްސިޑީގެ ގޮތުގައި ކުރިން ހޭދަކުރި 500 މިލިޔަނެއްހާ ރުފިޔާ ސަލާމަތްވެ، އިންވެސްޓްމެންޓްތަކަށް ބޭނުންކުރެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ