އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މުޅި އައްޑޫ ސިޓީއަށް ކަރަންޓްގެ ހިދުމަތް ދެވޭނެ ގޮތެއް ބެލުމަށް އެކަމުގެ ތަޖުރިބާކާރުންނާއި މަޝްވަރާކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިހެން ބުނެފައި މިވަނީ އައްޑުސިޓީގެ ވިޔަފާރި ކުރާ ތަންތަނުން ފެނަކައިން ކަރަންޓުގެ ޚިދުމަތް ކަނޑަމުންދާ ވަގުތެއްގަ އެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ އެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުނދާ ކަމަށެވެ.
"އެގޮތުން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ޚިދުމަތް އައްޑޫގައި ދެވޭނެ ގޮތަކާ ގުޅޭ ގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކާއެކު ވާހަކަ ދައްކަމުން މިދަނީ. އަދި އައްޑޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައިވެސް ބޮޑަށް ބަލަމުންދަނީ ނައްތާލާ ކުނިން ކަރަންޓު އުފެއްދޭނެ ނިޒާމެއް އައްޑޫގައި ގާއިމްކުރުމަށް،" ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ އައްޑޫ ސިޓީގެ ފިހާރަތަކުންނާއި ޕްރައިވެޓް ހޮސްޕިޓަލް ތަކުން ކަރަންޓް ކަނޑަމުންދާ ކަމަށާއި އެއީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި މާޗް މަހުގެ ކަރަންޓް ބިލް ނުދައްކާ ފިހާރަތަކުންނާއި، ވިޔަފާރި އުސޫލުން ހިދުމަތް ދެމުންދާ ތަންތަނުން އިއްޔެއިން ފެށިގެން ކަރަންޓް ކަނޑަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެގޮތުން މިހާތަނަށް އައްޑޫގެ ގިނަ ފިހާރަތަކަކުން އަދި އައްޑޫގައި ހިންގަމުން އަންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ހޮސްޕިޓަލުން މިވަނީ ކަރަންޓް ކަނޑާލާފައި. ބަލި މީހުން ބަލަމުންދިޔަ ހޮސްޕިޓަލަކުން ރެޑް ނޯޓިސް ދީފައި އޮތްނަމަވެސް އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންވެސް ތިއްބާ ކަރަންޓް ކަނޑާލުމަކީ ހިތާމަކުރަން ޖެހޭ ކަމެއް،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް މާޗް މަހު ދީފައިވަނީ ވަރަށް ބޮޑު ކަރަންޓް ބިލެއް ކަމަށާއި އެކަމާ ސުވާލު ކުރުމުން ކަރަންޓް ބިލް ބޮޑުވީ ކަރަންޓް ސަބްސިޑީ ކަނޑާލުމުން ކަމަށް ފެނަކާއިން ބުނި ކަަމަށެވެ. އެހެންނަމަވެސް އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަކީ ދުވަހަކުވެސް ކަރަންޓް ސަބްސިޑީ ލިބުނު ބައެއް ނޫން ކަމަށާއި މިހާތަނަށްވެސް ބިލުން އުނިކޮށްފައި ހުންނަނީ ފިއުލް ސާޗާޖު ކަމަށް ވިދާޅުވި އެވެ. އަދި މާޗް މަހުގެ ބިލް ބޮޑުވީ ކަރަންޓް ޔުނިޓަކަށް ފެނަކައިން ނަގަމުން އައި މިންވަރު ބޮޑުކުރުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި މައްސަލައަކީ އިއުލާނެއް ކުރުމެއްނެތި ކުއްލިއަކަށް ކަރަންޓްގެ އަގުބޮޑުކުރުން ކަމުގައިވެސް ވިދާޅުވި އެވެ.
"ކަރަންޓް އަގުބޮޑުކޮށްފައިވަނީ ކަރަންޓް ސަބްސިޑީ ކަނޑާލުމާ ގުޅޭގޮތުން އެންސްޕާއިން ކޮށްފައިވާ އިއުލާނަކަށް ރިއާޔަތްކޮށް. ކަރަންޓް އަގުބޮޑުކުރުމާ ކަރަންޓް ސަބްސިޑީއަކީ ތަފާތު ދޭއްޗަކަށްވާއިރު ކަރަންޓް ސަބްސިޑީ ކަނޑާލުމާ ގުޅޭގޮތުން ކޮށްފައިވާ އިއުލާނަކަށް ރިއާޔަތްކޮށް ކަރަންޓްގެ އަގު ބޮޑު ކުރެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސޯބެ ވިދާޅުވި އެވެ.
ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް އަގު ބޮޑުކުރުމާ ގުޅިގެން މިމަހުގެ ފަސްވަނަ ދުވަހު މޯލްޑިވްސް ޓްރޭޑް ޔުނިއަންގެ ފަރާތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެފައިވަނީ އެކުންފުނީގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ދެވޭނީ ޓެރިފް ރޭޓް ހަމަ އަގުގައި ބަހައްޓައިގެން ކަމަށްވާތީ 2009 ވަނަ އަހަރު އެނާޖީ އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓާ އެއްގޮތަށް އަގުތައް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަަމަށެވެ.
އައްޑޫ ސިޓީގެ ވިޔަފާރި ކުރާ ތަންތަނުން ކަރަންޓު ކަނޑަމުންދާތީ އައްޑޫގެ ވިޔަފާރިވެރިން ގެންދަނީ އެމައްސަލަަ ކޯޓަށް ހުށަހަޅަމުންނެެވެ. އެގޮތުން ހިތަދޫ ފިހާރައަކުން އެއްވެސް އެންގުމަކާ ނުލާ ފެނަކައިން ކަރަންޓް ކަނޑާލި މައްސަލައާ ގުޅިގެން، ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިންމަންދެން އެ ފިހާރައަށް ކަރަންޓްގެ ހިދުމަތް ވަގުތުން ދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރޭ ވަނީ އަމުރުކޮށްފަ އެވެ.
އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައްޑޫއަށް ކަރަންޓް ދެވޭނެ ގޮތްތަކެއް މިދަނީ ބަލަމުން: މޭޔަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ