ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އަބްދުﷲ ހަމީދުގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލައްވާފައިވާ ފޮތެއް ގައުމީ ކުތުބުހާނާއިން ނެރެފި އެވެ.
މިއަދު ނެރުނު މި ފޮތުގެ ނަމަކީ، "ޙަމީދުގެ ހަނދާނުގައި: އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ޒިކުރާ" އެވެ. ޢާންމުންނަށް ހުޅުވާލައިގެން ބޭއްވުނު މި އިޙުތިފާލަށް، މަރްޙޫމް ޢަބްދުﷲ ޙަމީދުގެ ބޭފުޅުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި ހުރިހައި ބޭފުޅުން ވަޑައިގެންނެވި އެވެ. އަދި އެ ޢާއިލާގެ ބައެއް އެހެން ޢިއްޒަތްތެރި ބޭފުޅުން ވެސް ވަޑައިގެންނެވި އެވެ.
މިއަދު އިފުތިތާޙުކުރެވުނު މި މުހިންމު ފޮތުގެ މުއައްލިފަކީ، މަޝްހޫރު ލިޔުންތެރިޔާ، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން އެވެ. ފޮތް އިފުތިތާޙުކޮށްދެއްވީ، ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޝިޔާމް އެވެ. ފޮތުގެ ދެ އިޞްދާރެއް އޭނާ އިފުތިތާޙުކޮށްދެއްވި އެވެ. އެއް އިޞްދާރަކީ، އެންޑްރޮއިޑް އޯއެސް ބޭނުންކުރާ މޮބައިލް ފޯނަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ އިޞްދާރެކެވެ. އަނެއް އިޞްދާރަކީ، ލެޕްޓޮޕާއި ކޮމްޕިއުޓަރ ފަދަ ވަސީލަތްތަކަށް އަމާޒުކޮށްގެން، ސީޑީ ރޮމެއްގައި ތައްޔާރުކުރެވިފައިވާ އިޞްދާރެވެ.
ސީޑީ ރޮމްގައި ތައްޔާރުކުރެވިފައިވާ އިޞްދާރު އިފުތިތާޙުކުރެއްވުމަށްފަހު، ގައުމީ ކުތުބުހާނާގެ ޑިރެކްޓަރ ޖެނެރަލް ވަނީ، އެ ސީޑީ ރޮމް، މަރްޙޫމް ޢަބްދުﷲ ޙަމީދުގެ ޢާއިލާއަށް ހަދިޔާކުރައްވާފަ އެވެ. އެގޮތުން އެ ސީޑީ ރޮމް އެރުވުނީ، މަރްޙޫމްގެ ޢިއްޒަތްތެރި ދަރިކަލުން، އަދި ގައުމީ ހިދުމަތުގައި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ، ހަމްދޫން ހަމީދުގެ އަތްޕުޅަށެވެ. ޢާއިލާގެ ފަރާތްޕުޅުން ހަމްދޫން ހަމީދު، ފޮތުގެ މުއައްލިފަށާއި، ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް އަށް ޝުކުރު އަދާކުރެއްވި އެވެ.
ފޮތާބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން، ފޮތުގެ މުއައްލިފު ވިދާޅުވީ، މިއީ މަރްޙޫމް ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ލިޔެވުނު ފުރަތަމަ ފޮތް ކަމުގައި ވިޔަސް، މި ނޫން ފޮތްތައް ވެސް މިހާރު ލިޔެވެމުންދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ފޮތްތައް ދާދި އަވަހަށް ވުޖޫދަށް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިއަދު އިފުތިތާޙުކުރެވުނު މި ފޮތުގެ މޮބައިލް ފޯނަށް ޚާއްޞަ އިޞްދާރު މިހާރު ޑައުންލޯޑްކުރެއްވޭނީ، ބަޙުރު އެކުމާފާނުންނެވެ. ފޮތް ބޭނުންފުޅު ފަރާތްތަކުން "ބޭނުން" ޖައްސަވާފައި 9763216 (ނުވަޔެއް ހަތެއް ހަޔެއް ބައްތިރީސް ސޯޅަ) ނަންބަރު ފޯނަށް އެސްއެމްއެސް ކުރެއްވުމުން ފޮތުގެ ޕާސްވޯޑާއި، ފޮތް ޑައުންލޯޑްކުރެއްވޭނެ ލިންކެއް ލިބިވަޑައިގަންނަވާނެ އެވެ. ފޮތް ބައްލަވައިގަންނަވަން ބޭނުންފުޅު ފަރާތްތަކަށް އެ ޚިދުމަތް ވަނީ ފަހިކުރެވިފަ އެވެ. ފޮތުގެ ސީޑީ އިޞްދާރު، ޤައުމީ ކުތުބުޚާނާއިން ވެސް ލިބިވަޑައިގަންނަވާނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
އަލްމަރްޙޫމް އަބްދުﷲ ހަމީދުގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލައްވާފައިވާ ފޮތެއް ގައުމީ ކުތުބުހާނާއިން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ