ޝުމްބާގެ ބަންދަށް ކޯޓުން ތިންވަނަ ފަހަރަށް 15 ދުވަސް ދީފި

ސްރީލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައި ޅ. ހިންނަވަރު، ނައިލޯނުގެ، އަހްމަދު އަޝްރަފްގެ ބަންދަށް ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް 15 ދުވަސް ޖަހައިފި އެވެ.
އަޝްރަފްގެ ބަންދަށް ކްރިމިނަލް ކޯޓުން ތިންވަނަ ފަހަަރަށް 15 ދުވަސް ދިނީ އިއްޔެ އެވެ.
އަޝްރަފް ބަންދުގައި ބަހައްޓަން ކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ދިނީ މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދަށް ދެވަނަ ފަހަރަށް 15 ދުވަސް ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
އަޝްރަފް ބޮޑަށް މަޝްހޫރީ ޝުމްބާގޮންގގެ ނަމުގަ އެވެ. ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ގާތް މީހެއް ކަމުގައިވާ އަޝްރަފަކީ ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ލަންކާއިން އަޝްރަފް ހައްޔަރުކޮށްގެން ގެނެސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ. އޭނާ ލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައި މައްސަލާގައި ލަންކާ ސަރުކާރުގެ ބައެއް ވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
އަޝްރަފް ހައްޔަރުކުރީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލުމުގެ ތުހުމަތުގައި ހޯދަމުންދާ އަށް މީހުން މިހާރުން މިހާރަށް ރާއްޖެއަށް އައުމަށް ނެޝަނަލް އިންކުއަރީ ކޮމިޝަނުން އަންގާފައިވަނިކޮށެވެ.
ކޮމިޝަންގެ ކޯ ޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިމައްސަލާގައި ހޯދަން އިއުލާންކޮށްފައިވާ އަށް މީހުން ތިބީ ތައިލެންޑާއި ސްރީލަންކާގައާއި އަވަށްޓެރި ގައުމުތަކުގައި ކަަމަށްވާތީ އެމީހުން ރާއްޖެ އައުމަށް ލަސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މި މީހުން ރާއްޖެ ނައިސްފިނަމަ އިންޓަޕޯލް މެދުވެރިކޮށް މި މީހުން ހޯދާ ރާއްޖެއަށް ގެންނާނެ ކަމުގައިވެސް އުމަރު ވިދާޅުވި އެވެ. އަދި އިންޓަޕޯލުން މިހާރު ވަނީ މި އަށް މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ.
އަޝްރަފަކީ ހޯދަން އިއުލާންކުރި އަށް މީހުންގެ ތެރެއިން މިހާތަނަށް ހައްޔަރުކުރެވުނު ހަމައެކަނި ފަރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ