ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ފަރާތްތައް މައުމޫން ފެކްޝަންގެ ނޫ ޕޯޑިއަމަށް އައުމަށް ޔާމީން ގޮވާލައްވައިފި

ސަރުކާރުގެ ސަބަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ބިކަ ހާލުން ރައްޔިތުން ސަލާމަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ޑީއާރްޕީގެ މައުމޫން ފެކްޝަންގެ ނޫ ޕޯޑިއަމަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ޕީއޭގެ ރައީސް އަބުދުﷲ ޔާމީން ގޮވައި ލައްވައިފި އެވެ.
ޑީއާރްޕީގެ މައުމޫނު ފެކްޝަނުގެ އަންހެން މެންބަރުން އިންތިޒާމް ކޮށްގެން އާޓީފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރައްޔިތުންނަށް މިހާރު ޖެހިފައިވާ ހާލުން އެހެން ރާއްޖެއަކަށް ގެންދިއުމުގެ އެންމެ ބޮޑު ވަސީލަތަކަށް މިހާރު ފެނިފައި ވަނީ ޑީއާރުޕީ ކަމަށެވެ.
"އަޅުގަނޑު އިލްތިމާސްކުރަން ބޭނުންވަނީ ރައްޔިތުންނާ ދޭތެރޭ ވިސްނާ ފިކުރުކުރާ ބޭފުޅުން. ރައްޔިތުންގެ ސުލްހަ އާއި އިހްލާސްތެރިކަމަށް އިހްލާސްތެރިކަމާއެކު ވިސްނަވާ ބޭފުޅުން ވަޑައިގަންނަވާށޭ. މި ޕޯޑިއަމް ކައިރިއަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް،" ޔާމީން ވިދާޅުވި އެވެ.
ސިޔާސީ ކުރިމަގު ހިޔާރު ކުރުމުގެ ކުރިން ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުން މިހާރު ތިބި ނިކަމެތި ހާލުން ސަލާމަތް ކުރުން ކަމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ އެއީ އުފުލަންޖެހޭ ތަކުލީފެއްކަމަށާއި އެ ހާލަތު ބަދަލުކޮށް ދިނުމަކީ އިދިކޮޅު ފަރާތްތަކުގެ ވާޖިބެއް ކަމަށެވެ. އަދި އެ އަމާނާތް ރައްޔިތުން ހަވާލުކޮށްފައި ވަނީ ޑީއާރްޕީއާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޑީއާރްޕީއަކީ ވަސީލަތެއް، ޑީއާރްޕީ އަކީ ސްޓްރެޓަޖީއެއް، ޑީއާރުޕީއަކީ ހަތިޔާރެއް. ހޯދަން މިއުޅެނީ ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން. އެ ކަން ކުރުމަށްޓަކައި އެންމެ ބޮޑު ވަސީލަތަކީ ޑީއާރްޕީ. ރައްޔިތުންގެ މަޖިލިސް މެންބަރުން ހޮވުމުގަ އާއި ކައުންސިލް އިންތިހާބުގައި، އެ އަމާނާތް ރައްޔިތުން ހަވާލުކޮށްފަ އޮތީ ޑީއާރްޕީއާ." ޔާމީން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ، މުޖުތަމައަށް އަންނަ ލޮޅުންތަކުން ރައްޔިތުން ދިފާއު ކުރުމުގެ ގާބިލް ކަމާއި ހިތްވަރާއި ވިސްނުމާއި ކެރުން މި ސަރުކާރަކުގެ ކިބައިގައި ނެތް ކަމަށެވެ. އަދި މިސަރުކާރު ބަދަލު ކުރެވިގެން ނޫނީ ރައްޔިތުން އިހު އުޅުނު ގޮތަށް ރިވެތި އަހްލާގާ ސުލޫކުގެ މަތީގައި ރާއްޖެ ކުރިއަށް ނުދާނެ ކަމަކަށް ވެސް ވިދާޅުވި އެވެ.
އަދި މުޖުތަމައުގެ އެންމެ ލޯބި ލިބިގެންވާ ބަޔަކީ އަންހެނުންނާއި ކުޑަކުދިން، ކަމަށާއި، މުޖުތަމައަށް އަންނަ ކޮންމެ ކަމެއްގައި ޝިކާރައަކަށް ވަނީ އެ ފަރާތްތައް ކަމަށް ވިދާޅުވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ