ދެ ފުލުހުން ވަޒީފާއިން ވަކިކުރިން، އަލުން ވަޒީފާ ދިނީ މި ސަރުކާރުން: އުމަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ ފުލުހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށާއި މި ސަރުކާރުން ނިންމީ އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ފޭސްބުކް ޕޭޖުގައި އޭނާ މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ތަހުގީގަށް ހުރަސްއެޅި ދެ ފުލުހަކު ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަންގަވާފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތަކީ ކުރީގެ ސަރުކާރުން މައްސަލަ ބަލައި، ވަޒީފާއިން ވަކިކޮށްފައިވާ ދެ ފުލުހުން ކަމަށެވެ.
މިދިޔަ ސަރުކާރުން ނިންމި އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލައި، އެ ދެ ފުލުހުންނަށް މި ސަރުކާރުން އަލުން ވަޒީފާ ދީފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރިލްވާން ފުރައިގެން ރާއްޖޭން ބޭރަށް ދިޔަކަން ދައްކަން އެނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފައި ވަނިކޮށް، އެކަން ކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރާ ކޮމިޝަނުން ދެކޭ ކަމަށެވެ.
ރިލްވާންގެ މައްސަލައަކީ މަރުތައް ބަލާ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ މައްސަލައަކަށްވާތީ، އެ މައްސަލައާ ގުޅޭ ޖިނާއީ އިޖުރާއަތެއް ހިންގުމުގެ ކުރިން މަރުތައް ބަލާ ކޮމިޝަނާއެކު ރޭ ފޯނުން މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބެއް ނެތުމުން، އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ލަފާ ދިން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތު ހައްޔަރުކޮށްދިނުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފައި ވަނިކޮށް، އިއްޔެ ފުލުހުން ވަނީ އެ ދެ ފުލުހުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ