ދީނާއި ގައުމިއްޔަތު ވަކިކުރަން ބަޔަކު އުޅުނަސް އެކަމެއް ނުކުރެވޭނެ: ގާސިމް

ދީނާއި ގައުމިއްޔަތު ވަކިކުރަން ބަޔަކު މީހުން އުޅުނަސް އެކަން ނުކުރެވޭނެ ކަމަށާއި އެކަން ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހާ ގުޅިގެން މިރޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްކެވި ވާހަކައިގައި ވިދާޅުވީ، ދީނާއި ގައުމިއްޔަތަކީ ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވާ ދެ ކަމެއް ކަމަށެވެ.
އަދި ޑިމޮކްރަސީގެ ނަމުގައި މިނިވަންކަމާއި ހައްގުތައް ނެތް ކަމަށް ބުނެ ދީނަށް ފުރައްސާރަކޮށް ﷲ ވޮޑިގެން ނުވާ ކަމަށް ބުނުމަކީ އެއީ ބައެއްގެ ނަޒަރުގައި މާ ބޮޑު ކަމަކަށް ނުވެ ހިނގައިދާނެ ކަމަށް ދެކޭ ބަޔަކުވެސް ތިބެދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެބާވަތުގެ އެއްޗިހި ލިޔަނީ އެހެންވުމުން ކަމަށާއި އެގޮތަށް އެކަން ކުރަމުންދާ ތަން ފެންނަ ކަމަށެވެ.
''ގައުމިއްޔަތާއި ދީނާ ވަތްކެއް ނުކުރެވޭނެ. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންވެގެންވޭ ގާނޫނުތަކުގައިވެސް ބަޔާންކޮށްދީފައިވަނީ އެކަން. އެހެންވީމަ ދިވެހި ރާއްޖޭގައި ގައުމިއްޔަތާއި ދީނާ ވަކިނުކުރެވޭނެކަން މިއަދު އޮތް ގާނޫނު އަސާސީންވެސް އެކަން ސާފުކޮށް ބަޔާންކޮށްފައިވާތީ، އެކަންކުރަން ބަޔަކު އުޅުނަސް އެކަމެއް ނުކުރެވޭނެކަން އަޅުގަނޑު ދެންނެވީ. އެކަން ކުރާ މީހުންނަކީ ގާނޫނު އަސާސީއާއި ގާނޫނާ ހިލާފުވާ މީހުންނަކީ އެއީ ކޮން ބައެއްކަން އަޅުގަނޑު ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ. އެއީ ކުށްވެރިން އެހެންނޫންތޯ.'' ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް، ޖޯކުޖަހައި ނުހެދޭނެ ކަމަށާއި އެއީ ކުށެއް ކަމަށް މިއަދު ޔޫރަޕުގެ ގައުމުތަކުގެ އިންޓަނޭޝަނަލް ކޯޓުތަކުން ވެސް ނިޔާކަނޑައަޅާފައިވާކަމަށެވެ. އަދި އެއީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ޔޫރަޕުގެ ކޯޓުތަކާއި ބައިނަލްއަގްވާމީ ކޯޓުތަކުންވެސް ނިޔާ ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ.
''އަދި އެއީ ދީނީ މިނިވަންކަން ނެތުން ނުވަތަ އަޅުގަނޑުމެންގެ އުސޫލުގެ ތެރެއިން ބޭރުވުން ނޫންކަމަށްވެސް ކަނޑައެޅިގެން ބުނެފައި އެބަހުރި އެކަން ނުކުރެވުމަކީ. އެހެންވީމަ އެއީ ނުކުރެވޭނެ ކަމެއްކަން އެބަ އެނގޭނޫންތޯ. ދުނިޔޭގައި އެކަން އޮތްގޮތް ވެސް އަދި ދީނުގައިވެސް އެކަން އޮތްގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ.'' ގާސިމް ވިދާޅުވިއެވެ.
އެހެންވީމަ މިބާވަތުގެ ކަންކަން ކޮށްގެން ގައުމުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން ނަގާލައި ފިތުނަ ފަސާދަ އުފެދުމަށް މަގުފަހިވެގެންދާނެ ގޮތަށް ކަންތައްތައް ކުރުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި އެބާވަތަުގެ ކަންކަން ކުރާ މީހުންނަކީ އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް ގާނޫނުން ލިބިދޭ ހައްގު އަދަބު ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ނެރުމުގައި ރައީސް ސޯލިހުގެ ގާތް ބޭފުޅުން ހިމެނޭ ކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ރައީސް ވަކި ބޭފުޅަކަށް ނުބައްލަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ