ރައީސް ޑރ.ވަހީދުގެ ސަރުކާރު ފެއިލްވަމުންދާތަން ފެންނަ ކަމަށް ވިދާޅުވެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދެއްކެވުމަކީ ޔާމިން ފެއިލްވުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ގާސިމްގެ 63 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށްގެން ރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ މިސަރުކާގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ޕީޕީއެމްގައި ކަމަށާއި ޔާމިން ވާހަކަފުޅު ދެއްކެވުމަކީ ޔާމިން ފެއިލްވުން ކަމަށެވެ.
"ސަރުކާރު ފެއިލްވެފައޭ ބުނެފިއްޔާ ޔާމިން ފެއިލްވެފަ ހުރި ވާހަކަ ކަންނޭގޭ އެ ވިދާޅުވީ. ދެން އެންމެ ގިނަ ޕޯޓްފޯލިއޯ ސަރުކާރުން ލިބިފައިވަނީ ޕީޕީއެމްއަށް. ދެން އެހެންވީމަ އެއީ ރަނގަޅުވާހަކަފުޅެއް ނޫން. ރަނގަޅަށް ވިސްނައިވަޑައިގެންފިއްޔާ ޔާމިންއަށް ވެސް އެނގިވަޑައިގަންނަވާނެ ތިމަންނާއަށް ވިދާޅު ވެވެނީ ތާކުންތާކުން ނުޖެހޭ ވާހަކައެއްކަން" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރު ފެއިލްނުވާ ކަމަށާއި ގާނޫނީ ގޮތުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެމުން އަންނަ ކަމަށެވެ. އަދި ސަރުކާރަށް ކަންކަން ނުކުރެވޭ ކަމަށް ވިދާޅުނުވެވޭނެ ކަމަށާއި ޤާނޫނީ އިމުގެ ތެރޭގައި ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ސަރުކާރުން ކޮށްދެއްވާފައިވާ ކަމަށެވެ.
މާމިމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ފައިސާގެ ދަތިކަން ކުރިމަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން އެދެވޭގޮތަކަށް ކަންކަން ކުރެވިފައިނުވާ ކަމަށެވެ. އެއީ އެތައް ބިލިއަން ރުފިއާއެއްގެ ޑެފިސިޓެއް އޮތުމާއި ޔޫރަޕްގެ އިގްތިސޯދަށް އައިސްފައިވާ ބަދަލާ ގުޅިގެން ޓޫރިޒަމް ހީނަރުވަމުން ދިއުމާއި މަސްވެރިކަން ވެސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދިއުމުން ކަމަށެވެ.
ކެބިނެޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ކަމަށްވާ ޓްރާންސްޕޯޓް މިނިސްޓަރުކަމަށް ޖުމްހޫރީ ޕާޓީން ބޭފުޅެއްގެ ނަން ރައީސް ވަހީދަށް ފޮނުއްވި ނަމަވެސް އެބޭފުޅަކަށް ވަޒީރުކަން ދެއްވާފައި ނުވާތީ އެކަމާއި ގުޅިގެން ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ފުދިފައިވާ ޕާޓީއެއް ކަމުން އެފަދަ ކަމެއްގައި ސަރުކާރަށް ފިއްތުއްތައް ކުރިމަތި ނުކުރައްވާނެ ކަމަށެވެ.
ސަރުކާރު ފެއިލްވިނަމަ ޔާމިންވެސް ފެއިލްވެއްޖެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ