ބޮލީވުޑްގެ އެންމެ މޮޅު ޑައިރެކެޓްރުންގެ ތެރޭގައި ހިމެނޭ ރާމް ގޯޕާލް އެންމެ އަވަހަށް ޕްރިމިއާ ކުރުމަށް ހަމަޖައްސާފައިވާ ފިލްމް "ސަރްކާރް 3" އަކީ ފިލްމް "ސަރްކާރް" އާއި "ސަރްކާރް 2" އާއި ގުޅުވައިގެން ނެރުމަށް ހަމަޖެހިފައިވާ ސިޔާސީ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
އަންނަ މަހުގެ ހަތްވަނަ ދުވަހު މިފިލްމް ޕްރިމިއާ ކުރުމަށް ހަމަޖައްސާފައި ވަނިކޮށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ މި ފިލްމާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅާފަ އެވެ.
މިމައްސަލަ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހުށަހެޅީ ބޮލީވުޑްގެ އެތައް ފިލްމް ތަކެއްގެ ވާހަކަ ލިޔެ ސްކްރިޕްޓް ތައްޔާރުކޮށްދީފައިވާ ނިލޭޝް ގިރްކަރް އެވެ. ސަރުކާރު 3ގެ ސްކްރިޕްޓް ވެސް ތައްޔާރުކޮށްދީފައިވަނީ ނިލޭޝް އެވެ.
ރާމް ގޯޕާލް އާއި ދެކޮޅަށް ނިލޭޝް ކޯޓަށް ހުށަހެޅީ ސަރްކާރް 3ގެ ވާހަކައާއި ގުޅޭ މިލްކްވެރިކަމުގެ މައްސަލަ އެކެވެ.
ނިލޭޝް ބުނީ މި ފިލްމްގެ ސްކްރިޕްޓަކީ އޭނާ ތައްޔާރު ކުރި ސްކްރިޕްޓެއް ކަމަށެވެ. އަދި މިފިލްމުގެ ސްކްރިޕްޓަށް އޭނާއަށް ލިބެންވާ ފައިސާ އެއްކޮށް ރާމްގޯޕާލް ދީފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ. ނިލޭޝްއަށް ލިބެންޖެހޭ ހައްގު ކްރެޑިޓްވެސް މިފިލްމުގައި ރާމް ގޯޕާލް ދީފައި ނުވާ ކަމަށްވެސް މައްސަލާގައި ބުނެފައިވެ އެވެ.
އިންޑިއާގެ ބޮމްބޭ ހައިކޯޓުން މިމަހުގެ 11 ވަނަ ދުވަހު މިމައްސަލަ ނިންމާފައިވާއިރު ދެ ކަމެއް ކުރުމަށް ރާމް ގޯޕާލްގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. އެގޮތުން ނިލޭޝްއަށް 620،000 ރުޕީޒް ދިނުމަށާއި ނިލޭޝްގެ ގާނޫނީ ވަކީލުންނަށް އެންމެ ލަސްވެގެން މިއަދު މިފިލްމު ދައްކާލުމަށެވެ.
މީގެ ކުރިންވެސް ނިލޭޝް ވަނީ ރާމް ގޯޕާލްއަށް އެތައް ސްކްރިޕްޓެއް ލިޔެދީފަ އެވެ. ނަމަވެސް މިއީ މިފަދަ މައްސަލައެއް ޖެހުނު ފުރަތަމަ ފަހަރެވެ. ނިލޭޝްގެ ފުރަތަމަ ސްކްރިޕްޓަކީވެސް ރާމް ގޯޕާލްގެ "އަގްޔާތް" ފިލްމަށް ލިޔެދިން ސްކްރިޕްޓެކެވެ.
ސަަރްކާރް 3ގައި ލީޑް ރޯލް އަދާ ކޮށްފައިވަނީ ބޮލީވުޑްގައި ބިގް ބީގެ ނަމުން އާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދާފައިވާ ކާމިޔާބު ފިލްމީ ތަރި އަމީތާބް ބައްޗަން އެވެ.
ސަރްކާރް 3ގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ