ހަވީރު އޮންލައިންގެ އާ ވެބްސައިޓް ވަރަށް އަވަހަށް ލޯންޗުކުރަނީ

ހަވީރު އޮންލައިންގެ އާޖީލުގެ ވެބްސައިޓް ފަރުމާކޮށް އެންމެ ފަހުގެ ޓެސްޓްތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް މި ވެބްސައިޓްގެ ޚިދުމަތް ތައާރަފްކުރެވޭނެ ކަމަށް ހަވީރު އޮންލައިން އިން ބުނެފި އެވެ.
ވެބްސައިޓް ޑިޒައިންކޮށްފައިވަނީ ވަރަށް ފަސޭހަކަމާ އެކު ވެބްސައިޓުން މައުލޫމާތު ހޯދޭނެ ގޮތުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ވެބްސައިޓްގެ ކުލަތަކާއި ހުސް ޖާގަ އަދި ނެވިގޭޝަން ގާއިމްކޮށްފައިވަނީ ކިއުންތެރިންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށެވެ.
"ބަދަލުތަކަށް ބަލާއިރު، ވެބްސައިޓްގައި ޔުނިކޯޑް ކެރެކްޓާސެޓް ހިމަނާފައިވުމުން ތާނަ ފޮންޓްތައް ޑިސްޕްލޭކުރުމުގައި މިހާރުގެ ވެބްސައިޓްގައި ދިމާވާ މައްސަލަތަކެއް ނުހުންނާނެ،" ހަވީރު އޮންލައިންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ވަކި އެޕްލިކޭޝަނެއް ބޭނުންނުކޮށް އައިޕެޑާއި އައިފޯން އަދި އެންޑްރޮއިޑް ޑިވައިސްތަކުން ވެސް ހަވީރު އޮންލައިންގެ އާ ވެބްސައިޓް ބޭނުންކުރެވޭނެ އެވެ. އަދި ވެބްސައިޓް ތައްޔާރުކޮށްފައި ވަނީ އޮންލައިންގައި ޝާއިއުކުރާ ޚަބަރާއި ފޮޓޯ އަދި ވީޑިއޯ ފަސޭހައިން ހޯދާ ބަލާލެވޭނެ ގޮތަށެވެ.
ޝާއިއުކުރާ ޚަބަރުތަކަށް ކިޔުންތެރިންގެ ޚިޔާލު ފޮނުވުމާއި ޚިޔާލު ޝާއިއުކުރުމުގެ ނިޒާމު ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. މިގޮތުން ޝާއިއުކުރާ ކޮމެންޓަށް ޖަވާބުދެވޭނެ ފުރުސަތާއި އަދި ކޮމެންޓް ކުރަނީ ރަޖިސްޓްރީކޮށްފައިވާ މީހެއް ނަމަ އެމީހާގެ ޚާއްސަ ޕްރޮފައިލް ޕޭޖުން އެކޮމެންޓްތައް ފެންނަން ހުރުން ފާހަގަކޮށްލެވެ އެވެ. ކޮމެންޓްކުރާ މީހުން އެހެން މީހުންނަށް ފޮލޯ ކުރެވޭނެ ގޮތާއި ފާހަގަކުރެވޭ ކޮމެންޓްތަކަށް ވަނަ ނުވަތަ ބެޖް ދިނުމުގެ ފުރުސަތު ވެސް ހަވީރު އޮންލައިންގެ އާ ވެބްސައިޓްގައި ހިމެނެ އެވެ. އަދި ގިނައިން ކޮމެންޓް ޝާއިއުކުރާ މީހުންނަށް އެކި ދަރަޖަތަކުގައި ބެޖް ލިބި، އެކަން ފާހަގަކުރެވޭނެ އެވެ.
ހަވީރު އޮންލައިންގެ އާ ވެބްސައިޓްގައި ދެ ގޮތަކަށް ރަޖިސްޓްރީކުރެވިދާނެ އެވެ. އެއްގޮތަކީ ފޭސްބުކް ބޭނުންކުރުމެވެ. އަނެއް ގޮތަކީ، ވަރަށް ކުރު ރެޖިސްޓްރޭޝަން ފޯމެއް ހަވީރު އޮންލައިންގައި ފުރުމެވެ. ރަޖިސްޓްރީ ކުރާ ކޮންމެ މީހަކަށް އެމީހެއްގެ ޚާއްސަ ޕްރޮފައިލް ޕޭޖެއް ލިބޭއިރު، އެޕޭޖުގައި ޕްރޮފައިލް ފޮޓޯ އަދި ޕްރައިވެސީ ސެޓިން ބަދަލުކުރެވޭ ގޮތަށް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހަވީރު އޮންލައިން އިން ކިޔުންތެރިންނަށް ޚާއްސަކޮށް ތައާރަފުކުރާ އެކި ޚިދުމަތްތައް ވެސް ފެންނާނީ އެމީހެއްގެ ޕްރޮފައިލް ޕޭޖުންނެވެ.
ފޮޓޯ އަދި ވީޑިއޯ ސެކްޝަން ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. ފޮޓޯތައް ބޮޑުވެފައި ފަސޭހަކަމާ އެކު ބްރައުޒްކޮށް އަދި ބޭނުން ނަމަ، ފޭސްބުކާއި ޓްވިޓާގައި ޝެއާކުރެވޭ ގޮތަށް ވަނީ ފަރުމާކޮށްފަ އެވެ. ވީޑިއޯ އަށް ބަލާއިރު ވަރަށް ފެންވަރު މަތިކޮށް އަދި ބޭނުން ނަމަ އެޗްޑީ ވީޑިއޯ ވެސް އޮންލައިންގައި ހިމެނޭ ގޮތަށް ވާނީ ވެބްސައިޓް ތައްޔާރުކޮށްފަ އެވެ.
މިހުރިހާ ބަދަލުތަކެއް ވަނީ އިނގިރޭސި ސެކްޝަނަށް ވެސް ގެނެސްފަ އެވެ.
އާ ވެބްސައިޓްގައި އިޝްތިހާރުކުރާ ފަރާތްތަކަށް ތަފާތު ޕެކެޖްތައް ވެސް ހިމަނާފައިވެ އެވެ. މިގޮތުން، ކުދި ވިޔަފާރިތަކަށް ޚާއްސަކުރާ އަގުހެޔޮ އިޝްތިހާރު ޕެކޭޖެއް ވެސް އެކުލަވާލާފައިވެ އެވެ.
ވަރަށް ގިނަ އިތުރު ފީޗާސް ވެސް ވެބްސައިޓް ރަސްމީކޮށް ހުޅުވާއިރު ތައާރަފްކުރާނެ ކަމަށް ހަވީރު އޮންލައިންގެ އޮފިޝަލް ވިދާޅުވި އެވެ. ކިއުންތެރިންގެ އިންތިޒާރު މާ ގިނަ ދުވަހަކަށް ދެމިގެންނެއް ނުދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ