މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހެދުމަކީ މީޑިއާތަކަށް ބިރުދެއްކުމުގެ ފެށުން: އިދިކޮޅު

ރާއްޖޭގެ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހެދުމަށްފަހު ވަކި ތާރީހެއްގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ މިނިވަން މީޑިއާއަށް ހުރަސް އަޅާ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް ނުރައްކާތެރި ކަންތަކެއްގެ ފެށުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މިނިވަން މީޑިއާއަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ކޮލިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ މަޖިލީހުގެ އަމީން އާންމު ސޮއިކުރައްވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން އެ ކޯލިޝަނުން ކަންބޮޑުވުން ފާޅު ކުރާ ކަމަށް ބުނެފައެވެ.
އިދިކޮޅުން ބުނީ ރާއްޖޭގައި ހިނގަމުން އަންނަ އެކި ކަންކަމާއި ގުޅޭގޮތުން އަދި ހާއްސަކޮށް ދާދިފަހުން ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކޮށް، ސިޔާސީ ނުފޫޒު ގަދަ ބަޔަކު ހިންގާފައިވާ އަމަލުތަކާއި ބެހޭގޮތުން ރިޕޯޓް ކޮށްފައިވާ މީޑީއާތަކަށް އަމާޒުކޮށް، އެ މީޑިއާތަކުގެ މައްސަލަ ބެލުން ފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަ ޖެހޭ ކަމަށް ބުނެ ވަރަށް ބޮޑަށް އަޑުގަދަ ކުރި ފަރާތްތަކުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަދި ޑިމޮކްރެސީގެ ނިޒާމާ މުޅިން ބީރައްޓެހި އަމަލެއް ކަމަށެވެ.
"މީޑިއާއަކީ ޑިމޮކްރެސީގެ 4 ވަނަ ބާރު ކަމަށާއި މިނިވަން މީޑިއާގެ މުހިއްމު ކަމަށް ވަކާލާތު ކުރަމުން އައި ފަރާތްތަކުން ވެރި ކަމަށް އައިސް ނޫސްވެރިންގެ އަނގަ ބަންދުކޮށް މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތް މި ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މިއީ މިނިވަން ނޫސްވެރިކަމަށާއި ނޫސްވެރިކަމުގެ ދާއިރާގެ މުސްތަގްބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް" އިދިކޮޅުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
މިނިވަން ކަމާއެކު ވަކިއަތަކަށް ނުޖެހި ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ފަހިކޮށްދޭން ޖެހޭނެ ކަމަށާއި ނަމަވެސް މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތު ކުރުން ގެންގުޅޭ ކަމުގެ ކަންބޮޑުވުންތަކެއް ހުރިކަންވެސް އިދިކޮޅުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލާ މިނިވަން ވަކި މުއައްސަސާއަކަށް ވީހިނދު، މީޑިއާ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިއުމަށް މަޖިލީހުން ބާރު ފޯރުވުމަކީ މިއަދު ސަރުކާރުން ވަރަށް ބޮޑަށް މީޑީއާތައް ކޮންޓްރޯލް ކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ހެއްކެއް ކަމަށާއި މީޑިއާތަކަށް ބިރުދައްކާ، މީޑިއާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރު، މަޖިލީހުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ