މިހާރުން މިހާރަށް ވެރިކަން ވައްޓާނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ: މޮސްޓާ

މިހާރުން މިހާރަށް ރައްޔިތުން ނިކުމެ ވެރިކަން ވައްޓާ ނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ މާދަމާ ރޭ 20:00 އިން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް ގެނައި ބަދަލާއި ގުޅޭ ގޮތުން "ވަގުތު" ގައި ގެނެސްދިން ޚަބަރެއްގެ ސްކްރީން ޝޮޓާއި އެކު މޮސްޓާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިހާރުން މިހާރަށް ނިކުމެ މި ވެރިކަން ވައްޓާ ނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށެވެ. ވިޔަފާރިތަކަށް ސަރުކާރުން ކަމެއް ކޮށްނުދޭ ހާލު، ވިޔަފާރިތައް ފުނޑުން ހުއްޓާލުމަށް މޮސްޓާ ގޮވާލެއްވިއެވެ.
"ވިޔަފާރިތަކަށް ސަރުކާރުން ކަމެއް ކޮށްނުދޭ ހާލު ވިޔަފާރިތައް ފުންޑުން ހުއްޓާލާ. ނޫނީ ރައްޔިތުން ނިކުންނާނެ" މޮސްޓާ ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިހާރު ވެސް ވަރަށް ގިނަ ވިޔަފާރިތަކަށް ވަނީ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ. ރިކަވަރީ ޕެކޭޖެއްގެ ނަމުގައި ބައެއް ވިޔަފާރިތަކަށް ބޭންކްތަކުން ލޯނުތައް ދިން ނަމަވެސް އެލޯނުތައް ނުލިބިގެން ވަރަށް ގިނަ ވިޔަފާރިވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.
އަދި ފަހަކަށް އައިސް ޑޮލަރު ގަންނަން ނުލިބޭތީ އާއި ޑޮލަރުގެ އަގު މަޑުޖެހުމެއް ނެތި އުފުލެމުން ދާތީ ވަރަށް ގިނަ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ