ޖަލުގައި ބަޑި ޖަހަން މައުމޫން އަމުރެއް ނުކުރައްވާ: އިބްރާހިމް ދީދީ

މީގެ 17 އަހަރުކުރިން، 19 ސެޕްޓެމްބަރު 2003 ގައި ޖަލުގައި ތަޅާ އަނިޔާކޮށް ހަސަން އީވާން ނަސީމް މަރާލުމާ ވިދިގެން، ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ގައިދީންގެ ގަޔަށް ބަޑިޖަހަން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަމުރުކުރައްވާފައި ނުވާކަމަށް، އެ ދުވަހު ނޭޝަނަލް ސެކިއުރިޓީގެ ޑިއުޓީ އޮފިސަރަކަށް ހުންނެވި ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. ދީދީ މިހެން ވިދާޅުވީ އެ ހަމަނުޖެހުމަށް 17 އަހަރު ފުރުމާ ގުޅިގެން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައެވެ. ނިހާދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލުގައި ބަޑި ޖެހީ ކޮމާންޑާ އިން ޗީފްގެ އޯޑަރަށް ކަމަށެވެ. "އެކަމަކު ބަޑި ޖެހި މީހުން އުމުރަށް ޖަލަށް. އޯޑަރު ކުރި މީހާ އުފަލާ އަރާމުގަ. މިއަކީ އިންސާފު ލިބެންޖެހޭ މައްސަލައެއް،" ނިހާދު ވިދާޅުވިއެވެ. ނިހާދުގެ ވާހަކައަށް ރައްދު ދެއްވައި ދީދީ ވިދާޅުވީ އެއީ "ބުހުތާނު ދޮގު" ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ނޭނގޭ ވާހަކަތަކެއް ދައްކައި މީހެއްގެ ބޮލުގައި އިލްޒާމް އަޅުވަން ނުވާނެ ކަމަށް ވެސް ދީދީ ވިދާޅުވިއެވެ. "އެދުވަހު އޭރު އެންއެސްއެސްގެ ޑިއުޓީ އޮފިސަރަކަށް ކަންދިމާވި ގޮތުން ހުރީ އަޅުގަނޑު. ރައީސް މައުމޫން އެއްވެސް އަމުރުފުޅެއް ނުކުރައްވާ އިންމޭޓުންނާ ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރަން،" ދީދީ ވިދާޅުވިއެވެ. ހަމައެއާއެކު އެދުވަހު ޖަލުގައި ހިނގައިދިޔަ ކަންކަން ތަހުގީގު ކުރެވިފައިވާ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެ ބަޔާންތައް ހުންނާނެކަން ވެސް ދީދީ ފާހަގަކުރެއްވިއެވެ. "ކުށްވެރިވި މީހުންނަށް ވަނީ ފިޔަވަޅު އެޅިފައި. އަޅުގަނޑު ނެތިން ޓުވިޓާގައި ތިކަން ޑިސްކަސް ކުރަން. ރައީސް މައުމޫން އެދުވަހު ބަޑި ޖަހަން އަމުރުފުޅު ނުކުރައްވާ،" ދީދީ ވިދާޅުވިއެވެ. ދީދީގެ ޓުވީޓާ ގުޅިގެން ރައީސް މައުމޫން ވަނީ ހަގީގަތް ހާމަކުރެއްވީތީ ދީދީއަށް ޝުކުރު އަދާކުރައްވައިފައެވެ. https://twitter.com/maumoonagayoom/status/1307554315599360001 ރައީސް މައުމޫނުގެ ދައުރުގައި، އެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ފަހު އެ މައްސަލާގައި ދައުލަތުން 12 މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އޭގެ ތެރެއިން އޭނާ މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށަށް މަރު ހުކުމް އިއްވާފައިވެ އެވެ. އަދި އޭނާ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ޝާމިލްވެގެން މަރަށް ހުކުމް ކުރި މީހުންގެ ތެރޭގައި ހިމެނޭ މއ. ދިހި، އާދަމް މުހައްމަދުގެ ކުށެއް ނެތް ކަމަށް 2006 އަހަރު ހައިކޯޓުން ހުކުމް ވަނީ ހުކުމްކޮށްފަ އެވެ. އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ. އީވާން މަރާލުމުގެ ކުށް ސާބިތުވެގެން ފެބްރުއަރީ 24، 2005 ވަނަ ދުވަހު މަރަށް މަރު ކުހުމް އިއްވި އަށް މީހުންނަކީ އޭރު ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސް މިހާރުގެ އެމްއެންޑީއެފްގެ ޕްރައިވެޓުން ކަމަށްވާ ހ. ހިރަވެރި, ބަދުރު މުހައްމަދާއި ސ. ފޭދޫ ޔެލޯ ހައުސް, މުހައްމަދު ޝިއުނީޒާއި ސ. ހުޅުދޫ އިރުދޭމާގޭ އަބްދުﷲ އިބްރާހީމާއި ނ. ހޮޅުދޫ ބަގީޗާގޭ އިބްރާހިމް ރަމީޒާއި މ. ކޮޅުފުށީ އަސްރަފީގޭ އަހުމަދު ނިޔާޒާއި ވ. ކެޔޮދޫ ހިޔަލީގުލްޝަން ޝިޔާދު މުފީދާއި މ. މުލަކު އަލަމާގޭ މުހައްމަދު މަންސޫރާއި ތ. ތިމަރަފުށީ އިރުވައިގޭ އަހުމަދު ރިޔާޒެވެ. އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި, ސެޕްޓެމްބަރު 18 2005 ވަނަ ދުވަހު ޖިނާއީ ކޯޓުން މަރަން ހުކުމް އިއްވީ ތ. ތިމަރަފުށީ ވިލާޑިލައިޓް އަބުދުﷲ ހަސަންގެ މައްޗަށެވެ. ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން ސެޕްޓެމްބަރު 20، 2003 ވަނަ ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި 16 މީހުންނަށް އަނިޔާވެފައިވެ އެވެ. މާފުށީ ޖަލުގައި ބަޑި ޖަހައި ގައިދީންތަކެއް މަރާލި މައްސަލާގައި ޝާމިލްވާ ސިފައިން މަރަން ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް، ރައީސް މައުމޫން ވަނީ ޖަލު ހުކުމަށް ބަދަލުކޮށްދެއްވައިފައެވެ. އަދި އޭގެ ތެރެއިން ބަޔަކު މުޖުތަމައުގެ ތެރެއަށް ދޫވެފައި ވަނިކޮށް، 2011 ވަނަ އަހަރު ތިން މީހަކު އަތުލައި އަލުން ޖަލަށް ގެންގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ