ދާއިމީ ބަލި މީހުންގެ ބޭސް އެސްޓީއޯއިން ގެނެސްދެނީ

ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ބޭނުންކުރާ ބޭސް ރާއްޖެ އިން ލިބެން ނެތް ނަމަ އެ ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީން ގެނެސްދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ކޮވިޑް-19އާ ބެހޭ ގޮތުން މައުލޫމާތު ދޭން ދަރުބާރުގޭގައި ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭން ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް މި ވަގުތު ދަތިކަން ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ."ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތައް، ރާއްޖެއިން ނުލިބޭ ބޭސް ބޭނުންކުރާ މީހުންގެ ކަންކަން މިހާރު ހަމަަޖައްސައި ދޭނީ އެސްޓީއޯގެ ފާމަސީން. އެސްޓީއޯ ހެންވޭރު ފާމަސީއަށް ދާން ޖެހޭނީ، ޕްރެސްކްރިޕްޝަން ހިފައިގެން. ބޭސް ސިޓީ ހިފައިގެން ދިއުމުން އެ އިންތިޒާމް ރާވައިދޭނެ. އެއީ އާސަންދަ ކަވަރުކުރާ ނުވަތަ އެންސްޕާއިން ކުރާ ކަމަށްވަނީ ވިއްޔާ އާސަންދަ ނުވަތަ އެންސްޕާއިން އެ ލިޔުން ހޯދުމުން އެކަން ކޮށްދޭނެ،" މަބުރޫކް ވިދާޅުވިއެވެ. ސަންދަ ނުވަތަ އެންސްޕާގެ އެހީގައި ހޯދާ ބޭހެއް ނަމަ އެ ތަނުގެ ކޯޓޭޝަން އާއި ލިޔެކިޔުންތައް އެސްޓީއޯގެ ހެންވޭރު ފާމަސީއަށް ހުށަހެޅުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފަ އެވެ. ދިގު މުއްދަތަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް މި ދުވަސްވަރު ޑޮކްޓަރަށް ދައްކައި ބޭސް ސިޓީ އާކުރުމަށް ފަސޭހަކޮށްދޭން އައިޖީއެމްއެޗުން ވެސް ވަނީ އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ. އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ބޭސް އެ ގައުމުން ރާއްޖއަށް ވަނީ ގެނެސްދީފި އެވެ. މއިީ އިންޑިއާގެ އެކި ސަރަހައްދުތަކުން އެސްޓީއޯއިން އޯޑަރުކޮށްފައިވާ ބޭސްތަކެކެވެ. ނަމަވެސް އެތަކެތި ގެނެވޭނެ ގޮތެއް ނެތިގެން އެ ބޭސްތައް ރާއްޖެއަށް ގެނެސްފައިވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސްތައްވެސް ހަދިޔާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ