ޖަމީލުގެ ރައްދު: ޔާމީން ވީމަ ޖަލުގައި، އަދީބު ވީމަ ގޭގައި

މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުވަތަ ވަކި މީހަކަށް ވަކި ހާއްސަ ގޮތެއް ނުހެދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަށް ރައީސް ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފި އެވެ.
މިހާރު ދިމާވެފައިވާ ބަލިމަޑުކަމުގެ ހާލަތުގައި އިދިކޮޅުގައި ހުރި ހަމައެކަނި ލީޑަރު، ރައީސް ޔާމީނަށް އެއްވެސް ލުޔެއް ދޭން ވިސްނާފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިއްޔެ ވިދާޅުވީ ޖަލުގައި ތިބޭ މީހުނަށް މައާފު ދިނުމަށް ގާނޫނުގައި ވަކި އުސޫލުތަކެއް ހަމަޖެހިފައިވާ ކަމަށާއި އެމަނިކުފާނު އަމަލު ކުރައްވާނީ އެ އުސޫލުތަކުގެ ދަށުން ކަމަށެވެ. ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ރައީސްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުނާ މެދު އަމަލު ކުރަމުންދަނީ ތަފާތު ގޮތަކަށް ކަމަށެވެ.
އެ މައްސަލާގައި ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ގޭބަންދުގައި ހުންނަވައިގެން ނޫންތޯ ޖަމީލު ސުވާލު ކުރެއްވި އެވެ.
މީގެ ކުރިން އަދީބު ގޭބަންދުގައި ހުންނަވަނިކޮށް އިންޑިއާއަށް ފިލައިގެން ދިޔަ މައްސަލައަށް އިޝާރާތް ކުރައްވައި ޖަމީލު ވިދާޅުވީ މި މައްސަލާގައި ރައީސް ގެންދަވަނީ އިތުރުފުޅު ހައްދަވަމުން ކަމަށެވެ. ނަމަވެސް ރައީސް އިތުރުފުޅު ހެއްދެވީ ކޮން ކަމަކަށް ކަމެއް ޖަމީލު ވިދާޅެއް ނުވެ އެވެ.
މީގެ ކުރިން ވެސް ޖަމީލު ވަނީ އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އަދީބާއި ޒިޔަތު ގޭގައި ހުންނަވާތީ ނުރުހުން ފާޅު ކުރައްވާފަ އެވެ. ޖަމީލު ވިދާޅުވަމުން ގެންދަވާ ގޮތުގައި، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުން ދަނީ ސިޔާސީ މަގްސަދެއްގައި ހަމައެކަނި ރައީސް ޔާމީނަށް އަމާޒުކޮށްގެންނެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ވެސް ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ.
އޭގެ ފަހުން ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރެއިން އިތުރު ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުތަކެއް ކުރެވިފަ އެވެ. އެ މައްސަލަތަކުގެ ތަހުގީގަށް ރައީސް ޔާމީން އެތައް ފަހަރަކު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ވެސް ކޮށްފަ އެވެ.
އެ ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.
މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި ކޮރަޕްޝަންގެ އެ ބޮޑު މައްސަލައާ ގުޅުވައި އެމަނިކުފާނުގެ މައްޗަށް ކުރަމުންދާ ތުހުމަތުތައް އިދިކޮޅު ކޯލިޝަނުން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީން ބުނަމުންދާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވަނީ ނުހައްގު ދައުވާއެއްގެ މައްޗަށް ނުހައްގު ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ