ރާއްޖޭގައި މަސައްކަތްކުރުމަށް ދީފައިވާ ހުއްދަ ހަމަވެފައިވާ ބިދޭސީންގެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހިދުމަތަކުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ކޮވިޑް 19އާ ގުޅިގެން ސަރުކާރު ބަންދުކުރަން ނިންމާފައިވާ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމާ ގުޅިގެން އެކްސްޕެޓް އޮންލައިން ސިސްޓަމުން ދޭ ހިދުމަތްތައް ވެސް އެ މުއްދަތުގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ކުރިން އެއް ހަފުތާގެ މުއްދަތަށް ސަރުކާރު ބަންދުކުރަން ނިންމުމާ ގުޅިގެން އެ ހިދުމަތް ދޭން ނިންމާފައިވަނީ މިމަހުގެ 19 އިން މިއަދުގެ ނިޔަލަށެވެ. ނަމަވެސް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދުކުރަން ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.
އެހެންކަމުން އެ މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހިދުމަތަކުގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތް، ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ދޭން ވަނީ ނިންމައިފައެވެ.
އެގޮތުން ކޯޓާގެ މުއްދަތު އިތުރު ކުރުމުގެ ހިދުމަތުގެ އިތުރުން އެމްޕްލޯއިމަންޓް އެޕްރޫވު ކުރުމުގެ ހިދުމަތް މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދޭއްގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ދެމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ހިދުމަތް ދެމުން ގެންދާނީ އެކްސްޕެޓް އޮންލައިން ސިސްޓަމުން ކަމަށް މިނިސްޓްރީން ބުނެއެވެ.
އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ބިދޭސީންނަށް އެކްސްޕެޓް އޮންލައިން ސިސްޓަމުން ދޭ ހިދުމަތުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ