ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާމެދު ސުޕްރީމް ކޯޓުގެ ނިންމެވުމެއް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ނެރުއްވައިދެއްވުމަކީ، މައްސަލަ ފިނިކުރުމަށްޓަކައި އެޅޭ ވަރަށްބޮޑު ބާރަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރ ހަތެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ފުރަތަމަ ފަހަރަށް ގައުމާއި މުޚާތަބުކުރައްވައި މިއަދު މެންދުރު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން ވިދާޅުވީ ވޯޓް އޮޅުވާލެވިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ، ޙަޤީޤީ ހެކިތަކެއް ހުރި ކަންތައްތައް ކަމަށްވާނަމަ، އެކަން ސާބިތު ކުރެވުމަކީ، މި މައްސަލަ ޙައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.
ރިޔާސީ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކާއި، ދިވެހި ރައްޔިތުންނާއި، އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި ޖަމްޢިއްޔާތައް އިންތިޒާރު ކުރަމުންދަނީ، އަވަސް މުއްދަތެއްގެ ތެރޭގައި، ޞުލްޙަވެރިކަމާއެކު އިންތިޚާބު ބޭއްވި، އިންތިޚާބުވާ ރައީސަކު، ނޮވެމްބަރު 11 ގައި ސަރުކާރާ ޙަވާލުވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން މި މަޤްޞަދު ޙާޞިލު ކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އަދި ދިވެހި ރައްޔިތުންނާއި، ސިޔާސީ ބޭފުޅުން ކެތްތެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ބޯލެނބުމަށާއި އަދި މުޖްތަމަޢުގައި ޞުލްޙަމަސަލަސްކަން ދެމެހެއްޓެވުމަށް އިސްކަން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިންތިޚާބަކީ ހުރިހާ އެންމެންނަށް ޤަބޫލުކުރެވޭ ފުރިހަމަ އިންތިޚާބަކަށް ވާންޖެހޭނެކަމަށެވެ.
ދިވެހި ޤައުމުގެ މަތީ މަޞްލަޙަތު އިސްކުރެއްވުމަށާއި، ޤާނޫނީ ޙުކޫމަތެއް ޤާއިމްކޮށް ހިންގުމަށްޓަކައި އުފެދިފައިވާ މުއައްސަސާތަކަށް އިތުބާރު ކުރައްވައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމުގައި އިޚްލާޞްތެރިކަމާއެކު ދެމިތިއްބެވުމަށް، ރާއްޖޭގެ ފުލުހުންނަށާއި ސިފައިންނަށް ރައީސުލް ޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
އަދި އިންތިޚާބު ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވިނަމަވެސް އޮމާންކަމާއެކު އެބޭފުޅަކަށް ވެރިކަން ހަވާލުކުރެއްވުމަށް ކުރައްވަންޖެހޭ ކަންތައްތައް ކުރައްވަމުންގެންދަވާކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ހިތާބްގައި، ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަން އުފެދޭފަދަ ވާހަކަތަކާއި ޢިބާރާތްތައް ވިދާޅުނުވުމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަޙު ހޫނުވިޔަނުދެއްވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ބައިބައިވުމާއި ހަމަނުޖެހުން އުފެދޭ ކޮންމެ ވަގުތަކީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ހުޅުވާލެވޭ ދޮރެއް ކަމަށާއި މިވަގުތަކީ ވެރިކަން ހިންގުމުގެ ތިންބާރުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވީ ވަގުތެއް ނޫން ކަމަށާއި، އެއްބާރުން އަނެއް ބާރަށް ޙަމަލާދޭންވީ ވަގުތެއްވެސް ނޫން ކަމުގައި ވިދާޅުވިއެވެ.
އިންތިޚާބާއިމެދު ކޯޓުން ނިންމާ ނިންމުމަކީ މައްސަލަ ފިނިކުރުމަށް އެޅޭ ބާރަކަށްވާނެ-ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ