ޖަރުމަން ސަރުކާރުގެ ހާއްސަ ހުއްދައަކާ އެކު ގާސިމް ޖަރުމަނަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް ވަޑައިގެންފި އެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ގާސިމް ޖަރުމަނަށް ވަޑައިގަތީ އެ ގައުމުގެ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން މެޑިކަލް ޑޮކްޓަރުންގެ ޓީމަކާ އެކުގަ އެވެ. ޖަރުމަނުގައި ގާސިމް ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ޝަމީމް ވިދާޅުވި އެވެ.
ގާސިމްގެ ޓްރެވަލް ޑޮކިއުމަންޓުގެ މުއްދަތު ހަމަވެފައިވާ އިރު، މުއްދަތު އިތުރު ކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ސިޓީ ފޮނުވުމުން، އެކަން ނުކޮށްދެވޭނެ ކަން މިދިޔަ މަހުގެ 30 ގައި ވަނީ ގާސިމްގެ އާއިލާ އަށް އަންގައިފަ އެވެ. އަދި ގާސިމް ޖަރުމަނަށް ވަޑައިގެންފައި މިވަނީ، ރާއްޖެ ވަޑައިގަތުމުގެ ކަންކަން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ކަރެކްޝަންސުން އަންގާފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު މިދިޔަ މަހުގެ ތިނެއްގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން ގާސިމް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް ކަރެކްޝަންސުން އެންގި އެވެ.
ސިންގަޕޫރަށް ވަޑައިގަތުމަށް ސަރުކާރުން ގާސިމަށް ދިން ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އިތުރު ކޮށްދޭން އާއިލާ އިން އެދުނީ ގާސިމްގެ ޓެސްޓް ހެދުމަށް ފަހު އިތުރު މައްސަލަތަކެއް ދިމާނުވާ ނަމަ، މިދިޔަ މަހުގެ 28 ގެ ފަހުން ދަތުރު ކުރެއްވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ އެވެ. ގާސިމްގެ އާއިލާ އިން ބުނި ގޮތުގައި ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް ގާސިމް އަތުގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ