މައުމޫން ތަޙްޤީޤަށް އެއްބާރުލުމެއް ނުދެއްވާ – މިނިސްޓަރ ޝައިނީ

ރިޝްވަތު ދީގެން ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ނުދެއްވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަދި ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރާ އެންމެ އިސް މަންދޫބު ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ ރައީސް މައުމޫން ދޫކޮށްލަން ގޮވާލާ އެމަނިކުފާނުގެ ދަރިކަނބަލުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ޓްވީޓް ކުރެއްވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ ޝައިނީ ވަނީ ރައީސް މައުމޫން ހައްޔަރު ކުރެވިފައި ވަނީ ބަޣާވާތް ކުރަން އުޅުއްވުމުން ކަމަށް ވާއިރު އެހެން ކުށްވެރިންނާއި ތަފާތުކޮށް ރައީސް މައުމޫނާއި މެދު އަމަލު ކުރަންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ހުރަސް ނޭޅުއްވުމަށް މިނިސްޓަރ ޝައިނީ އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މައުމޫނަށް ސިއްހީ ފަރުވާ ނުލިބޭ ކަމަށާއި ޤާނޫނީ ވަކީލުންނާއި ވެސް ބައްދަލު ނުކުރެވޭ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭއްވެވުމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ