ވިއްސާރާގަ ވާދޫއަށް ބޮޑު ގެއްލުމެއް، އިންޖީނުތައް ފެއިލްވެ ކަރަންޓް ކެނޑެނީ!

މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ގދ ވާދޫއަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށް އިންޖީނުތައް ފެއިލްވެ، ރަށުން މިރޭ ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑިއްޖެއެވެ.
ވާދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އިންޖީނުތަކަށް މައްސަލަ ދިމާވެ ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވަމުން ދާތާ މިހާރު ތިން ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމުގައެވެ. އަދި ބޭނުންކުރަމުންދާ ދެ އިންޖީނުގެ ތެރެއިން އިންޖީނެއް މިރޭ ފެއިލްވެ 8:30 އެހާއިރު ކަރަންޓް ކެނޑިފައިވާކަމަށްވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ ފެނަކައިގެ ޓީމެއް މިހާރު އެރަށަށް ދަތުރު ކުރަމުން ގެންދާކަމަށާއި ނަމަވެސް ވަގުތީގޮތުން ކަރަންޓްގެ މައްސަލަ ހައްލުކޮށް މީގެ ކުޑައިރުކޮޅެއްކުރިން ރަށަށް ވަގުތީގޮތުން ކަރަންޓް ދީފައިވާކަމުގައެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލަ ވާދޫއަށް ކުރިމަތިވެފައިވާއިރު ވިއްސާރާގަވެސް ރަށަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމުގައެވެ. މަގުތަކުގައި ފެންބޮޑުވެފައިވާއިރު ދަނޑުބިންތައްވެސް އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފައިވާކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރަށަކީ ދަނޑުވެރި ރަށެއް. ގާތްގަނޑަކަށް ދަނޑުބިން ތަކުގެ ނުވަދިހަ އިންސައްތަ ވިއްސާރާގައި މިވަނީ އެއްކޮށް ހަލާކުވެފަ" ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ މައްސަކަތުން ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ފެންވަދެ އެއްވެސް ގެއަކަށް މިހާތަނަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ