އޭޝިއާގެ ބޭންކިން ދާއިރާގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކޮށްގެން އަންނަ ނޮވެމްބަރު މަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ އަހަރީ ކޮންފަރެންސްގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް އެ ޖަމިއްޔާގެ އިސް ވަފުދެއް ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ.
ކޮންފަރެންސް ބޭއްވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ގިނަ ބައްދަލުވުންތަކެއް ވަފުދުގެ ބޭފުޅުންނާ އެކު ބީއެމްއެލް އާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުން ވަނީ ބާއްވާފަ އެވެ. އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާ ވެސް އެ ވަފުދުން ވަނީ ބައްދަލުކޮށްފަ އެވެ.
"ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ބައިވެރިވުމަށް އަޅުގަނޑުމެން އެނބުރި ދިވެހިރާއްޖެއަށް އައުމަށް އިންތިޒާރުކުރަން. އަޅުގަނޑުގެ އުއްމީދަކީ މިއީ ވަރަށް ކާމިޔާބު އަދި މަގްބޫލް ކޮންފަރެންސަކަށްވެގެން ދިޔުން،" އެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވި އޭބީއޭގެ ޗެއާމަން ޑެނިއަލް ވޫ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އޭޝިއާގެ 25 ގައުމެއްގެ މެންބަރު 80 މާލީ އިދާރާއާ އެކު އޭބީއޭ އިން މަސައްކަތްކުރަނީ ބޭންކިން އަދި ފައިނޭންސް ސިނާއަތަށް ކުރިއެރުން ހޯދައިދިނުމަށާއި މި ސަރަހައްދުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރާށެވެ. އަދި އޭބީއޭގެ އަހަރީ ކޮންފަރެންސަކީ ސިނާއަތާ ގުޅޭ ކަންކަމާއި ލިބެން ހުރި ފުރުސަތުތަކުގެ މުހިންމުކަމާ މެދު އެ ސިނާއަތުގެ އިސް ވެރިން މަޝްވަރާކުރަން ލިބޭ ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
"އޭބީއޭގެ ޝަރަފްވެރި އާންމު ބައްދަލުވުމާއި ކޮންފަރެންސް ބާއްވާ ގައުމަކަށް ދިވެހިރާއްޖެ ހަމަޖެހިގެންދިޔުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް... މި ކޮންފަރެންސް އަމާޒުކޮށްފައިވަނީ އޭޝިއާގެ ބޭންކިން ކުރިމަގުގެ ތަސައްވުރަށް. އަދި މި ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގެ ބޭންކިން ދާއިރާގެ އިތުރުން ޖުމްލަކޮށް ދިވެހިރާއްޖެ އިން ލިބެންހުރި ފުރުސަތުތައް ދައްކުވައި ދިނުމަށް ލިބިގެންދާ ފުރުސަތުގެ ބޭނުން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ހިފާނަން،" ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި އެވެ.
އޭބީއޭގެ ބޯޑުގައި ބޭންކް އޮފް މޯލްޑިވްސް ތަމްސީލްކުރައްވަނީ ވެސް ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.
ގައުމީ ބޭންކް އިން ބިނީ އޭޝިއާ ސަރަހައްދުގެ ބައިވެރިންނާއި މި ދާއިރާގެ މަޝްހޫރު ބައިނަލްއަގުވާމީ ވާހަކަދެއްކުންތެރިންނާ އެކު ޖުމްލަ 160 އަށް ވުރެ ގިނަ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށެވެ.
BML in Asia ge banking conference eh Raajjeygai baavvanee
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ