އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.
މިއީ މި މައްސަލާގައި ބާއްވާ އިބްތިދާއީ ދެވަނަ އަޑުއެހުމެވެ. ކްރިމިނަލް ކޯޓުގައި މިއަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15.00ގައި އެވެ. މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ބޭފުޅުނަށް ވަކީލުން އައްޔަން ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް އެ ދުވަހު ވަނީ ދެއްވާފަ އެވެ. 
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް އުފުލާފައިވެއެވެ. އެއީ އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އެވެ. އޭގެ ތެރެއިން އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު އެ މައްސަލާގައި ވަކީލަކު ހައްޔަރު ކުރެއްވުމަށް ވަނީ 10 ދުވަހުގެ މުހްލަތެއްދީފައެވެ.
ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެއްކޮން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާ އިބްތިދާއީ އަޑުއެހުން އަދި ނުފަށަ އެވެ.  ނަމަވެސް އެ ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައެވެ.  އެ ބޭފުޅުން ހައްޔަރުކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެއީ ސައްހަ ނޫން ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލިއިރު، ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެންމީ ރަނގަޅަށް ނޫން ކަމަށާއި ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ބިޝާމް ވަނީ އަންގައިފަ އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ