ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު އިފްތިތާހުކޮށްފި

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤަޟާއީ އަހަރު އިފްތިތާޙްކޮށްފިއެވެ.
ޤަޟާއީ އަހަރު 2018 އާއި އެ ރަސްމިއްޔާތާ ގުޅިގެން ބޭއްވުމަށް އިންތިޒާމްކޮށްފައިވާ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ އާއި ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް ވެސް އިފްތިތާޙްކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރއއަހުމަދު ޢަބުދުﷲ ދީދީއެވެ.
ފާއިތުވި ދެއަހަރުވެސް މިޖަލްސާ ބާއްވާފައި ވަނީ އަހަރުގެ މެދު ތެރޭގައެވެ. އެހެން ކަމުން އަންނަ އަހަރުން ފެށިގެން ޖެނުއަރީ މަހުގެ ތެރޭގައި ޤަޟާއީ އަހަރު އިފްތިތާޙު ކުރުން ބޭއްވުމަށް ނިންމަވާފައި ވާކަމުގައި މިރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ ވާހަކަފުޅުގައި ޤަޟާއީ އަހަރު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ، ފާއިތު ވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލު ވީ މިންވަރު ދެނެގަތުން ކަމުގައި ވިދާޅުވިއެވެ.
އަދި މިކަމުގެ އަނެއް މަޤްޞަދަކީ ފެށޭ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކާ ބެހޭގޮތުން މަޝްވަރާ ކޮށް، އެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ޓަކައި މުޅި ޝަރުޢީ ދާއިރާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް މި ނަމުގައި ފޮތަކާއި ޝަރުޢީ ދާއިރާގެ ތަފާސްހިސާބު ފޮތްވެސް ނެރެފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް ހިމަނާފައިވާ ފޮތް ނެރެ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.
އަދި ޝަރުޢީ ދާއިރާގެ ތަފާސްހިސާބު ފޮތް ނެރެދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.
ޤަޟާއީ އަހަރު 2018 އާއި އެކު ކުރިޔަށް ގެންދާ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ އާއި ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމްގެ ބައްދަލުވުންތައް ދެ ދުވަހަށް ކުރިޔަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ