ތަހުގީގުގައި މައްސަލަ އުޅޭކަން ފާހަގަވި، އިޖުރާއަތްތަކަށް ފުލުހުން ފަރިތަކުރުވަން ޖެހޭ : މެމްބަރު ސިރާޖު

ފުލުހުންގެ ތަހުގީގުގައި މައްސަލަ އުޅޭކަން ދިފާއީ ވަކީލެއްގެ ގޮތުގައި އުޅުނު އިރު އަބަދު ވެސް ފާހަގަވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއް އެވެ.
ހުޅުމާލޭގައި ފެބްރުއަރީ 4 ވަނަ ދުވަހު ތިން ޓޫރިސްޓަކަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ފަރާތްތަކަށް ދައުވާ ނުކުރެވި ހައްޔަރުން ވަނީ ދޫވެފަ އެވެ. އެކަމާއި ގުޅިގެން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ޓޫރިސްޓުންނަށް ހަމަލާދިން މައްސަލައިގައި ފުލުހުންގެ ތަހުގީގު ރަނގަޅު ކަމަށެވެ.
ނަމަވެސް އެމައްސަލާގައި ހައްޔަރުކުރި ފަރާތްތައް މިމަހުގެ 6 ވަނަ ދުވަހު ދޫކޮށްލާފައިވަނީ އެމީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ވަރަށް ހެކި ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނުމުންނެވެ.
މެމްބަރު ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެކި ހޯދުމަކީ ތަހުގީގު ކުރާ ފަރާތުގެ ކަމެއް ކަމަށާއި ހެއްކާއެކު ހުށައެޅުމުން ޕީޖީއިން ދައުވާ ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުގައި މައްސަލަ އުޅޭކަން ދިފާއީ ވަކީލެއްގެ ގޮތުގައި އުޅުނު އިރު އަބަދު ވެސް ފާހަގަވާ ކަމަށާއި އިޖުރާއަތްތަކަށް ފުލުހުން ފަރިތަކުރުވަން ޖެހޭ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިދިޔަ މަހު ވިދާޅު ވެފައިވަނީ އެ މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން އެއީ ރ. މަޑުއްވަރީގައި މިދިޔަ އަހަރު ފަހުކޮޅުގައި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްކަން އެނގިފައިވާ ކަމަށެވެ. ރިޔާޒު ވިދާޅުވެފައިވަނީ އެ ހަމަލާ ދިނުމުގައި ބައިވެރި ވެފައިވަނީ އަމަލީ ގޮތުން ހަތަރު މީހެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެމީހުން ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލުތައް ހޯދައި، އެ ސައިކަލުތަކުގައި ބަދަލުކޮށްފައި ހުރި ނަން ބޯޑުތައް ވެސް ތަހުގީގަށްް ހޯދިފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި މީހުން ދިރިއުޅޭ ގެތައް ބަލައި ޗެކު ކުރި އިރު އެމީހުން ގެންގުޅުނު ވަސީލަތްތަކުން ޓެރަރިޒަމަށް ހިތްވަރުދޭ ތަކެއްޗާއި ހަމަލާއާ ބެހޭ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
އެމައްސަލާގައި ހިމެނެނީ އަށް މީހެކެވެ. ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ހޯމް މިނިސްޓަރގެ އެދިވަޑައިގަތުމުގެ މަތިން މޮނިކޮން އަމުރު ނެރެ އެމީހުންގެ ފައިގައި ޓެގް އެޅުވުމަށް އަމުރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ