4000 ހައުސިންގ ޔުނިޓްގެ އެޑްވާސް ފައިސާ ދައްކައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓްގެ އެޑްވާސް ފައިސާ ދައްކައިފިއެވެ.
ފަހި ދިރިއިޅުން ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނާއި އެންބީސީސީ (އިންޑިއާ) އާއި ދެމެދު 2000 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓް މިމަހުގެ 15 ވަނަ ދުވަހު ދައްކާފައިވާ ކަމަށެވެ.
އަދި އެ ކޯޕަރޭޝަނުން ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓަޑާއެކު 2000 ހައުސިންގ ޔުނިޓު އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ މިމަހުގެ 9ވަނަ ދުވަހު ވަނީ ދައްކާފައި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެފް.ޑީ.ސީ-އެން.ބީ.ސީ.ސީ އަދި އެފް.ޑީ.ސީ-ޖޭ.އެމް.ސީ މަޝްރޫއުގެ ދަށުން ޖުމްލަކޮށް 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ 3 ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް ހިމެނޭނެއެވެ.
މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫޢުތަކުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕަރކިންގއެވެ.
މިއިން ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރާއިރު 2 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، 3 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތްކުރެވިގެންދާނެއެވެ.
އަދި މިއިން ކޮންމެ ޓަވަރެއް ޑިޒައިންކުރެވިފައިވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭގޮތަށް، ކޮންމެ ޓަވަރެއްގައި 3 ލިފްޓް ހިމަނައިގެންނެވެ.
އަދި މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި 8 ރެޒިޑެންޝިއަލް ޔުނިޓް ހުންނާނެއެވެ.
އެފް.ޑީ.ސީއިން މިހާރު ދަނީ މި 2 މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ