ކޯޓުން މުހުތާޒު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ. ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި މުހުތާޒު ހައްޔަރު ކުރީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ކްރިމިނަލް ކޯޓުން މުހުތާޒު ދޫކޮށްލީ ރޭގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރުމަށްފަހު މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށެވެ. ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލާގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފަ އެވެ. ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން އުޅުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ