އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ރައްޔިތުން ޕެޓިޝަނެއްގަ ސޮއިކުރަން ފަށައިފި

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން އެދި، ހުޅުދޫ އަދި މީދޫގެ ބައެއް ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
"އަފިރިންގެ ކައުންސިލް އަފިންނަށް"ގެ ނަމުގައި ކުރިއަށް ގެންދަން ފަށާފައިވާ ޕެޓިޝަނުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުން އަންނަނީ ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި ރަށުން ބޭރުގައި ތިބި ދެ އަވަށުގެ މީހުން ވެސް ހިމެނެއެވެ. މި ޕެޓިޝަނަކީ މީގެ ދެ އަހަރު ކުރިންވެސް ފެށި، އެކަމަކު ރަސްމީ ކުލައެއް ނުޖެހި އޮތް ކަމެކެވެ.
މިއަދު ސޮއިކުރަން ފެށި މި ޕެޓިޝަނުގައި މީދޫގެ ގިނަ ރައްޔިތުންގެ ސޮއި ހޯދުމަށް މިކަމުގައި އިސްކޮށް އުޅޭ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖުމުލަ ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި މީދޫގެ އާބާދީގެ މެޖޯރިޓީގެ ސޮއި ހޯދާނެކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.
މީގެ ކުރިން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައްޔިތުން އެދޭނަމަ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާނެ ކަމަށެއެވެ.
އަދި އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އަދި މީދޫ އާއީ މެދު ތަފާތުކުރުން ގެންގުޅޭތީ މީގެ ކުރިންވެސް އެ ދެ އަވަށުގެ ރައްޔިތުން ވަނީ އެ މައްސަލަ ފެންމަތިކޮށްފައެވެ.
މިކަމާ ގުޅިގެން މިދޫ ދައިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އައީ މީދޫ ވަކިވާ ވާހަކަ ދައްކަނީ އަނގަ މަޖަލަކަށް ކަމަށެއެވެ. ސާލިހާ ވިދާޅުވީ މިއީ އާދައިގެ ކުޑަކުޑަ ވާހަކާއް ނޫން ކަމަށާއި، ދިމާވާ ކުޑަކުޑަ ކަމަކާހުރެ ސިޓީ ކައުންސިލުން ވަކިވާ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ.
ސިޓީ ކައުންސިލުން ވަކިވުމަށް ހުޅުދޫ އަދި މީދޫ ކުރާ ކެމްޕޭން ވަރުގަދަވަމުންދާ އިރު، އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެ ދެ އަވަށް ސިޓީ ކައުންސިލާ ވަކިވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ