ދުޢާ ކުރުމުގެ ބައެއް އަދަބުތައް-: ޝައިޚް ޢަޡްމަތު ޖަމީލް

ﷲ އަށް އަޅުގަޑުމެން ކުރާ އަޅުކަންތަކުގެ ތެރެއިން، ދުޢާކުރުމަކީ މަތިވެރި، މާތްކަން ބޮޑު އަޅުކަމެކެވެ. އަދި އެއީ ﷲ ފިޔަވައި އެހެންފަރާތަކަށް ކުރުން ހުއްދަނޫން ކަމެކެވެ. އެހެންފަރާތަކަށް ދުޢާކުރުމަކީ ﷲ އަށް ކުރެވޭ ޝިރުކެކެވެ. 
ދުޢާކުރުމާއި ބެހޭގޮތުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރައްވާއިފެއެވެ. "الدُّعَاءُ مُخُّ الْعِبَادَةِ" (الترمذي: 3371)، "ދުޢާއަކީ އަޅުކަމުގެ ސިކުޑިއެވެ." އެހެން ރިވާޔަތެއްގައި ވެއެވެ. "الدُّعَاءُ هُوَ الْعِبَادَةُ" (أبو داود: 1474)، "އަޅުކަމުގެ އަސްލަކީ ދުޢާކުރުމެވެ." 
ދުޢާކުރުމުގައި އަޅުގަޑުމެން ގެންގުޅެންޖެހޭ އަދަބުތަކެއް ވެއެވެ. 
އިޚްލާޞްތެރިކަން: އިޚްލާޞްތެރިކަމަކީ ހުރިހާ އަޅުކަމެއްގައިވެސް އެންމެ މުހިއްމު ކަމެވެ. އެއީ ޢަމަލުތައް ޤަބޫލުކުރެއްވުމުގެ ޝަރުތެކެވެ. ދުޢާކުރާހިނދު، ﷲގެ ނިޢުމަތަށް ދަހިވެތިވުމާއި، ﷲގެ ޢަޛާބަށް ބިރުވެތިވުން ހިތްމަށްޗަށް އަންނަނީ މި މިއިޚްލާޞްތެރިކަމުގެ ސަބަބުންނެވެ. ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أُمِرُوا إِلاَّ لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ) (البينة: ٥) "އިޚްލާޞްތެރިކަމާއި އެކުގައި މެނުވި ﷲ އަށް އަޅުކަންކުރުމަށް އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ." 
ދުޢާ އިޖާބަކުރައްވާ ވަގުތުތަކަށް ސަމާލުވުން: އެއީ ދުޢާ އިޖާބަކުރެއްވުން ގާތްވަގުތުތަކެވެ. އެއީ؛ ޢަރަފާތް ދުވަސް، ރަމަޟާން މަސް، ހުކުރު ދުވަސް، މެންދަމުގެ ވަގުތު، ސަޖިދައިގަވާ ހާލަތްތައްފަދަ ވަގުތުތަކެވެ.  
ކީރިތި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ" (صحيح مسلم). "އަޅާ، އެއަޅާގެ ވެރި ރައްބުއާއި އެންމެ ކުއްތަންވާ ވަގުތަކީ އޭނާ ސަޖިދައިގަވާ ވަގުތެވެ. ފަހެ އެވަގުތު ދުޢާކުރުން ގިނަކުރާހުށިކަމެވެ." އެހެން ބަސްފުޅެއްގައި ވެއެވެ. 
"الدُّعَاءُ لاَ يُرَدّ بَيْنَ الأَذَانِ وَالإِقَامَةِ". (رواه الترمذي)، "ބަންގިއާއި ޤަމަތާއި ދެމެދު ކުރެވޭ ދުޢާއަކީ އަނބުރާ ރައްދުކުރެވޭ ދުޢާއެއް ނޫނެވެ." 
ދުޢާކުރުމުގައި އަޑުގެ ކޮޅަށް ދުޢާނުކުރުން: ދުޢާކުރުމުގައި، ސިއްރުން ދުޢާކުރުމާއި އަޑުވީއްލާ ދުޢާކުރުމުގެ ބަދަލުގައި، މިދެމެދުގެ މިންވަރެއްގައި ދުޢާކުރުމެވެ. ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. 
(ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لا يُحِبُّ الْمُعْتَدِينَ) (الأعراف: 55) "މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ." 
ދުޢާ އިޖާބަކުރެއްވުން ލަސްވެގެން ނޫޅުން: އިންސާނާ ﷲ އަށް ދުޢާކުރާހިނދު، އެކަމުގައި އޭނާއަށް އޮތް ހެޔޮ ގޮތާއި، ގޯސް ގޮތަކީ ކޮބައިކަމެއް ނޭނގެއެވެ. އެކަން މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ‏"‏مَا مِنْ رَجُلٍ يَدْعُو اللَّهَ بِدُعَاءٍ إِلاَّ اسْتُجِيبَ لَهُ فَإِمَّا أَنْ يُعَجَّلَ لَهُ فِي الدُّنْيَا وَإِمَّا أَنْ يُدَّخَرَ لَهُ فِي الآخِرَةِ وَإِمَّا أَنْ يُكَفَّرَ عَنْهُ مِنْ ذُنُوبِهِ بِقَدْرِ مَا دَعَا مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ أَوْ يَسْتَعْجِلُ ‏"‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَكَيْفَ يَسْتَعْجِلُ قَالَ ‏"‏ يَقُولُ دَعَوْتُ رَبِّي فَمَا اسْتَجَابَ لِي" (الترمذي: 3604)، 
މާނައީ "އަޅަކު ﷲ އަށް ދުޢާއެއްކޮށްފިނަމަ، އެދުޢާއެއް އިޖާބަކޮށްދެއްވައެވެ. ފަހެ އިޖާބަކުރެއްވުން ދުނިޔެމަތީގައި އަވަސް ކޮށްދެއްވައެވެ. ނުވަތަ އާޚިރަތަށް ފަސްކޮށްދެއްވައެވެ. ނުވަތަ އެއާއި އެއްފަދަ މިންވަރަކަށް އޭނާގެ ފާފަތައް ފުއްސަވާދެއްވައެވެ. މިގޮތަށް ކަންތައް ކޮށްދެއްވަނީ އެދުޢާގައި، ފާފައަކަށް، ނުވަތަ ރަޙިމުގެ ގުޅުން ކެޑުމަށް ދުޢާކުރެވިފައި ނުވާނަމައެވެ. އަދި ދުޢާ އިޖާބަކުރެއްވުންލަސްވެގެން ނޫޅޭނަމައެވެ." އަޞްޙާބު ބޭކަލުން ދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ. ދުޢާ އިޖާބަކުރެއްވުން ލަސްވެގެން އުޅެނީ ކިހިނެތްތޯއެވެ؟" ވިދާޅުވިއެވެ. "އެއީ މިފަދައިން ބުނުމެވެ. ތިމަންނަގެ ވެރި ރައްބުއަށް ދުޢާކޮށްފީމެވެ. އަދިވެސް އިޖާބައެއް ނުކުރައްވައެވެ." 
އެހެން ބައެއް އަދަބުތަށް: ދުޢާކުރުމުގައި ޤިބްލައަށް ކުރިމަތިލުމާއި، ދެއަތް އުފުލުމާއި، ތިމާގެ ނިކަމެތިކަން އިޙްސާސް ކުރުމާއިި، ދުޢާ އިޖާބަ ކުރައްވާނެކަން ޔަޤީންކުރުމާއި، ދުޢާ ތަކުރާރު ކުރުމާއި، ފާފަތަކުން ތައުބާ ވުމަށްފަހު ދުޢާކުރުން ހިމެނެއެވެ. އަދި ދުޢާ ފެށުމާއި ނިންމުމުގައި ﷲ އަށް ޙަމްދު ކުރުމާއި އިތުރު ކައު ޞާޙިބާ ރަސޫލު ﷲ صلى الله عليه وسلم ގެ މައްޗަށް ޞަލަވާން ކިޔެވުން ހިމެނެއެވެ. 
- ޝައިޚް ޢަޡްމަތު ޖަމީލް  
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ