ފައިނު އައު އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފި
ފައިނުގައި މީގެ ކުރިން ކަރަންޓް ދެމުން ދިޔައީ، ރައްޔިތުން އިމާރާތް ކޮށްފައިވާ، މީހުން ދިރިއުޅޭ އަވަށު ތެރޭގައި ހުރި އިންޖީނުގެއަކުންނެވެ. އެ އިންޖީނުގެ ހުރި ސަރަހައްދުގެ ގޮތުން، އާންމުންގެ އެކި ފަރާތްތަކުން ވަނީ އެކި ފަހަރުމަތިން އެ އިންޖީނުގެއިން ވާ އުނދަގޫތަކުގެ ކަންބޮޑުވުންތައް ފާޅު ކޮށްފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުންނާއި އިންޖީނުގޭގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން އައު އިންޖީނުގެއެއް އިމާރާތް ކޮށް، މިއަދުވަނީ އެ ތަނުން ކަރަންޓް ދޭން ފަށާފައެވެ. މިކަމާއި ގުޅޭގޮތުން، ފެނަކަ ފައިނު ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ އަޙްމަދު ރިޝްފާން ވިދާޅުވީ، އައު އިންޖީނުގެއިން ކަރަންޓް ދޭން މިއަދު ފެށިކަމުގައި ވީނަމަވެސް، ދާއިމީކޮށް ކަރަންޓް ދެވޭނީ މިހާރު ކުރިޔަށްދާ ކޭބަލް އަޕް ގްރޭޑް ކުރުމުގެ މަސައްކަތް ނިމުމުން ކަމަށެވެ. ނަމަވެސް، ކުރީގެ އިންޖީނުގޭގައި ދެން އިންޖީނު ނުހިންގާނެ ކަމަށް ރިޝްފާން ވިދާޅުވިއެވެ. މިއަދު ކަރަންޓް ދޭން ފަށާފައިވަނީ، ދާދި ފަހުން ފައިނަށް ގެނެސްފައިވާ 250 ކިލޯވޯޓްގެ އައު އިންޖީނުންނެވެ. ކުރީގެ އިންޖީނުގެ ހުރި ސަރަހައްދުގައި ހުރި ބައެއް ގޭބިސީތަކުގެ މީހުން ފާހަގަ ކުރި ގޮތުގައި، އިންޖީނުގެ އަޑު ނީވޭތީ މިހާރު ވަރަށް ބޮޑުތަން ފަސޭހައެވެ. އަދި އެތަނުން އަރާ ދުމުން ދިމާވަމުން ދިޔަ ގެއްލުންތަކަށް ނިމުމެއް އައުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށް ބުންޏެވެ.ފެނަކަ ކޯޕަރޭޝަނުން ގެންދަވަނީ ފައިނުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިވަގުތު ކުރިޔަށްދާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ