އިންޑިޔާ އިން ފުރަތަމަފަހަރަށް އިންޓާ ކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއް ތަޖްރިބާކޮށްފި

ނިއުދިއްލީ (މާޗް 20): އިންޑިޔާ އިން ފުރަތަމަ ފަހަރަށް އިންޓާ ކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއް (ދުނިޔޭގެ އެއްބައްރުން އަނެއްބައްރަށް ފޯރާވަރުގެ ބާރުގަދަ މިސައިލެއް) ތަޖްރިބާކޮށްފި އެވެ.
މިއީ ނިއުކްލިޔަރ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިގެންވާ އަގްނީ މަރުކާގެ މިސައިލެކެވެ. މިމިސައިލް ކާމިޔާބުކަމާ އެކު ތަޖްރިބާކުރެވުމުން އިންޑިޔާ ވަނީ ދުނިޔޭގެ އެއްބައްރުން އަނެއްބައްރަށް ފޯރާވަރުގެ ބާރުގަދަ މިސައިލްތައް އުފައްދައި ތަޖްރިބާކުރުމުގެ ޤާބިލްކަން ލިބިގެންވާ މަދުޤައުމުތަކުގެ ލިސްޓަށް އަރާފަ އެވެ.
މިހާތަނަށް އިންޑިޔާއިން ތަޖްރިބާކުރަމުން ގެންދިޔަ ދުރާސްތާގެ މިސައިލްތަކުގެ ރޭންޖްތައް އުޅެނީ 3500 އާއި 4000 ކިލޯމީޓަރާ ދެމެދުގެ ރާސްތާއެއްގަ އެވެ. މިއަދު އިންޑިޔާ ތަޖްރިބާކުރި އަގްނީ މިސައިލަކީ ފަސް ހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލެކެވެ. ފަންސާސް ޓަނުގެ ބަރުދަން ހުރި 17 މީޓަރުގެ ދިގުމިންހުންނަ ބިޔަ މިސައިލަކީ އެންމެ 20 މިނިއްޓު ތެރޭގައި އޭގެ އަމާޒަށް ވާސިލްވުމުގެ ޤާބިލްކަން ލިބިފައިވާ ބާރުގަދަ މިސައިލެކެވެ.
ތަޖްރިބާކާރުން ބުނާގޮތުން މިއީ އިންޑިޔާގެ ކުރިއަރަމުންދާ ޢަސްކަރީ ބާރު ދުނިޔެއަށް ދައްކާލުމަށްޓަކައި އެޤައުމުންކުރި ތަޖްރިބާއެކެވެ. މިސައިލަކީ ޗައިނާގެ ކޮންމެ ތަނަކަށްވެސް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ނިއުކްލިޔާ މިސައިލަކަށްވާތީ މިކަމާމެދު ޗައިނާ ކަންބޮޑުވާނެ ކަމަށްވެސް ތަޖްރިބާކާރުން ދެކެ އެވެ.
އަގްނީ މަރުކާގެ މިސައިލަކީ އިންޑިޔާ އިން އުފައްދާ މިސައިލްތަކުގެ ތެރޭން ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ މިސައިލެވެ. އިއްޔެ އިންޑިޔާ އިން ތަޖްރިބާކުރި އަގްނީ މިސައިލް ނިސްބަތްވަނީ އަގްނީ އައިއާރުބީއެމް ގްރޫޕަށެވެ. އިންޑިޔާއިން ފުރަތަމަ ފަހަރަށް އިންޓަރ ކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއް އިއްޔެ ތަޖްރިބާކުރި ނަމަވެސް މީގެއެތަށް އަހަރެއްކުރިން ޗައިނާ ވަނީ މިބާވަތުގެ މިސައިލް އުފައްދައި ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފަ އެވެ.
މި މިސައިލް ތަޖްރިބާ ކުރީ އިންޑިޔާގެ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ އޮރިއްސާގެ ވީލާ ޖަޒީރާ އިން އިއްޔެ ހެނދުނު އެވެ. އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ ވަނީ މިސައިލް އުފެއްދި ސައެންޓިސްޓުންނަށާއި މިމިސައިލް ތަޖްރިބާކުރުމުގައި ޙަރަކާތްތެރިވި އިންޖިނޭރުންނާއި ސިފައިންގެ އޮފްސަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ