ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރެއްވުމާމެދު މަޖިލީހުގައި މިއަދު ނެގި ވޯޓްގައި، އުއްތަމަ ފަނޑިޔާރު މަގާމުން ވަކި ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓް ދެއްވާފައިވަނީ 69 މެމްބަރުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވާފައިވަނީ 9 މެމްބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓް ދެއްވަން ފެނިވަޑައި ނުގަތީ އެންމެ މެމްބަރަކަށެވެ. އެވަގުތު ޖަލްސާގައި ތިއްބެވީ 81 މެމްބަރުންނެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރެއްވުމަށް މަޖިލީހުން މި ފާސްކުރީ، އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު، އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ފެންނަކަމަށް ނިންމައި ދިރާސާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުމުން އެ ރިޕޯޓާމެދު ބަހުސްކުރުމަށް ފަހުގައެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމުގެ މިމައްސަލަ ދިރާސާކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ހުށަހެޅި ޚުލާސާ ރިޕޯޓްގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ އެކަމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
ރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖުޑިޝަރީ ކޮމެޓީ މެމްބަރ އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ނިންމުމުގައި ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ރިޕޯޓްގައިވާ ކަމަށެވެ.
ޖުޑިޝަރީ ކޮމިޓީން މިމައްސަލަ ދިރާސާކުރުމުގައި މައިގަނޑު 15 ނުކުތާއެއް ފާހަގަކުރެވުނު ކަމަށާއި، ކޮމިޓީން ގޮތެއް ނިންމީ އެކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. ހަމަ އެއާއެކު، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ އިޖުރާއަތްތައް ފުރިހަމަ ކޮށްގެންކަން ހަސަން ލަތީފް ފާހަގަ ކުރެއްވިއެވެ. އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މިންގަނޑު ހަމަނުވާ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
މިމައްސަލައިގެ ބަހުސްގައި ބައިވެރިވަޑައިގެންނެވި ގިނަ މެމްބަރުންވެސް ވަނީ އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އާދަމް މުހަންމަދު އަބްދުﷲ މަގާމުން ވަކިކުރުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ވަނީ ފާސްކޮށްފައެވެ.
ފަނޑިޔާރު އާދަމް މުހަންމަދު އަބްދުﷲ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް ވޯޓް ދެއްވީ 69 މެމްބަރުންނެވެ. ފެނިވަޑައި ނުގަންނަވާ ކަމަށް 9 މެމްބަރުން ވޯޓްދެއްވިއެވެ. ވަކިގޮތަކަށް ވޯޓްދެއްވަން ފެނިވަޑައި ނުގަތީ އެންމެ މެމްބަރަކަށެވެ. ވޯޓްގައި 78 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަނޑިޔާރު އާދަމް މުހަންމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހުން ފާސް މިކުރީވެސް ޖޭއެސްސީން މައްސަލަ ހުށަހަޅައިގެންނެވެ.
މިމައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ފަރާތުން ރިޕޯޓް އިއްވަމުން އެ ކޮމިޓީގެ ނާއިބް މުގައްރިރު މޫސާ ސިރާޖް ވިދާޅުވީ، ޖޭއެސްސީން ހުށަހެޅި މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރިއިރު، ޖޭއެސްސީން މައްސަލަ ނިންމާފައިވަނީ ގަނޫނުއަސާސިއާއި، ފަނޑިޔާރުންގެ ގާނޫނާއި، އިޖުރާއަތްތަކާ އެއްގޮތަށްތޯ ކަށަވަރުކޮށްފައި ވާނެ ކަމަށެވެ. އަދި ކޮމިޓީން ދިރާސާކުރުމަށްފަހު ފަނޑިޔާރު އާދަމް މުހަންމަދު އަބްދުﷲ މަގާމުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ފާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހަންމަދު އަބްދުﷲ މަގާމުން ވަކިކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ