އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގިނަ ދާއިރާތަކަކުން އިދިކޮޅު ކެންޑިޑޭޓުން އަޣަލަބިއްޔަތު ހޯދާފައި ވާތީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުޚަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މީގެ އިރިކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންނަށް މަރުޚަބާ ވިދާޅުވާ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިކާމިޔާބީ އިން ދައްކައި ދެނީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްތަކަކީ ހަމައެކަނި އަދަދުތަކެއް ކަން ކަމަށެވެ. އަދި ޑިމޮކްރަސީ އަލުން އިއާދަކުރެވޭނެކަން އިންތިޚާބުގެ ނަތީޖާ އިން އެނގިގެން ހިނގައްޖެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މައުމޫން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި އިންތިޚާބުން ލިބުނު ހައިރާން ކުރަނިވި ކާމިޔާބަށްޓަކައި ގުޅިފައިވާ ހަތަރު ޕާޓީ އަށް މަރުޚަބާ ވިދާޅުވާ ކަމަށެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން މާލެ އާއި އައްޑު އަދި ފުވައްމުލަކުގެ ގޮނޑިތައް އެމްޑީޕީ އިން ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ.
އިންތިޚާބު ބޭއްވި ހުރިހާ ދާއިރާތަކެއްގެ ވަގުތީ ނަތީޖާ ވެސް އަދި ސާފުވެފައި ނުވާތީ އިދިކޮޅު ފަރާތްތަކަށް ވެސް އަދި ސަރުކާރަށް ވެސް ލިބުނު ގޮނޑީގެ ޖުމްލަ އަދަދެއްގެ މިހާތަނަށް ޔަގީނެއް ނުވެއެވެ.
ނަމަވެސް އެމްޑީޕީ އިން ރޭ ބުނީ އިއްޔެ ބޭއްވި އިންތިޚާބުގެ 65 އިންސައްތަ ގޮނޑި އެޕާޓީ އިން ކާމިޔާބު ކޮށްފައިވާ ކަމަށެވެ.
އިންތިޚާބު ކާމިޔާބު ކުރެވުމުން މައުމޫން އާއި ނަޝީދު މަރުޚަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ