އިންތިހާބަށް ކުރިމަތިނުލެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކެންޑިޑޭޓުން އެބަތިބި: ޔާމީން

ރައްޔިތުންގެ އާއްމު ވިސްނުމުގައި މިއަހަރުގެ ރިއާސީ އިންތިހާބަށް ކުރިމަތިނުލެވޭނެ ކެންޑިޑޭޓުން އެބަ ތިބި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ރޭ ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ރިއާސީ އިންތިހާބަށް ކުރިމަތިލަނީ ޝަރުތުފުރިހަމަވާ ކިތައް ކެންޑިޑޭޓުންތޯ ނިންމިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިމަތި ނުލެވޭނެ ކަމަށް އާންމުން ގަބޫލުކުރާ ބޭފުޅުންނާ ގުޅޭ މައްސަލަތައް ނިންމުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތްތަކުން އެކަން ނުކުރުމުގެ ސަބަބުން އެމައްސަލަތައް ދިގުލައިގެން ގޮސް ނުނިމި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކުރާ މަސައްކަތްތަކުގެ ހަލުވި މިނާއި ފޭރާމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ރައްޔިތުން ވޯޓު ދޭ ކޮންމެ މީހަކަށް ވެސް ރާއްޖޭގެ ވެރިކަން ކުރެވިދާނެ ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑު އަމާނާތަކީ ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން ކޮށްދިނުން ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ރައްޔިތުން އެދޭ ގޮތް ހާމަވެގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަމަށެވެ.
"އެހެން ނަމަވެސް ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގާނޫނު އަސާސީ ތަންފީޒުކުރަން، އެ މުގައްދަސް ބާރުދީފައި ހުރި މުއައްސަސާތަކަށް ކެރިފޯރުންތެރިކަން ނެތްކަން ކިތަންމެ ޔަގީންކޮށް ވެސް ދަލީލުވެގެން މިހާ ހިސާބަށް އައިއިރު ހިނގައްޖެ. ދިވެހިރާއްޖޭގެ މިފަސްގަނޑުގައި ކޯޓުތަކުގެ ބާރު ނުހިނގާ، ކޯޓުތަކުގެ އަމުރު ނުހިނގާ އާއްމު މީހުން ތިބިކަން ކިތަންމެ ރީތިކޮށް ވެސް ސާބިތުކޮށްދެވިދާނެ،" ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ޔާމީން ވިދާޅުވީ ސިޔާސީ މީހުން ކުރާ މަސައްކަތާ ދައުލަތުގެ މުއައްސަސާތަކަށް ފައިހަމަނުކުރެވޭ ނަމަ ވެރިކަން ކުރުމުގައި އޮތީ ކޮން ޝަރަފެއްތޯ ރައްޔިތުން ސުވާލުކުރާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ޒިންމާ އަދާނުކުރުމުގެ ސަބަބުން ރާއްޖެ އޮތީ ލަދުވެތިވާންޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ. ނަމަވެސް އެކަމާ މެދު ރައީސް މުހައްމަދު ވަހީދު ވެސް އަދި މުއައްސަސާތަކުން ވެސް ކަންބޮޑުވާކަން ނުފެންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ސިޔާސަތުތަކާ ގުޅޭގޮތުން ޔާމީން ވިދާޅުވީ އެ ޕާޓީގެ ބޭނުމަކީ ރިވެތި އަހުލާގުގެ މައްޗަށް ރާއްޖޭގެ ކަންކަން ބައްޓަންކުރުން ކަމަށެވެ. އަދި ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ދެ ކަމަކީ ވެސް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާ އެކު ސުލްހަ މަސަލަސްކަމާއި އަމަން ގާއިމުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންކްރީޓް ޖަންގަލިތަކުގައި އަޅުގަނޑުމެން ނިވާކަން ހޯދައިގެން މިތިބެނީ. މަގުމައްޗަށް މީހަކަށް ނުކުންނާކަށް ނުކެރޭ. އަދި ކީއްތޯ އެނޫން އެހެން ކަންކަމަށް ވެސް މީހުން މަގުމަތީގައި އުޅޭއިރު ސެކިއުރިޓީ މީހުން ގޮވައިގެން އުޅެން މިޖެހެނީ. ކިތަންމެ ބޮޑު އާމްދަނީއެއް ހޯދަން ކުރާ މަސައްކަތެއް ކުރި ނަމަވެސް އެ އާމްދަނީގެ ފަހަތުން ދުވާ އެއްޗެއްކަމުގައި ވެފައި އޮންނަނީ ބްލަޑް ޕްރެޝަރާއި އެހެން ކަހަލަ ބަލިތައް،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ގައުމުގެ މުދާތައް ވިއްކަމުންދިޔައިރު އަޅާނުލާ ތިއްބެވި ބައެއް ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރައްވާ ކަމަށެވެ. ނަމަވެސް، ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ދެކޮޅަށް ވެސް "އެންމެ ވަރުގަދަ އަށް ޖިހާދުކުރި ބަޔަކީ ޕީޕީއެމް" ކަމަށާއި އެޕާޓީގެ ބޭފުޅުން "އަދިވެސް މިތިބީ އެގޮތުގައި. ކުރިއަށް އޮތް ތާންގައިވެސް ތިބޭނީ އެގޮތުގައި" ކަމަށް ޔާމީން ވިދާޅުވި އެވެ.
މައުމޫނުގެ ވެރިކަމުގައި ދިގުމުއްދަތަކަށް އެޓޯލްސް މިނިސްޓަރުކަން ކުރެއްވި އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ހަމީދުގެ ގޭގައި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޔާމީން ވަނީ އަބްދުﷲ ހަމީދުގެ ހިދުމަތްތައް ފާހަގަކުރައްވައި އޭނާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޔާމީން ވިދާޅުވީ އަބްދުﷲ ހަމީދު ހިދުމަތް ކުރައްވާފައިވަނީ އެޓޯލްސްގެ ދާއިރާގައި އެކަނި ނޫން ކަމަށާއި އޭނާ އަކީ އެނޫން ދާއިރާތަކުގައި ވެސް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ