ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.
ޖުމްހޫރީ ޕާޓީން އިނގިރޭސިބަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާސިމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް އުފުލާފައިވަނީ އަސްލެއް ނެތް ސިޔާސީ ދައުވާތަކެއް ކަމަށެވެ.
ގާސިމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް އަސްލެއް ނެތް ދައުވާތަކެއް އުފުލާފައިވާތީ އެކަން ކުށްވެރިކޮށް ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ މަޖިލިސް ތާވަލްކުރީ ގާސިމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައި ހުކުމްކުރި ފަހުން ކަމަށެވެ. އެހެންކަމުން ގާސިމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ދައުވާތަކަކީ ބާތިލް އިޖުރާތުތަކެއްގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމަށް ޖޭޕީން ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެ އެވެ.
މީގެއިތުރުން މިބަޔަނާނުގައި ވަނީ ގާސިމާއި އަބްދުﷲ ރިޔާޒުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން ކޯޓުގައި އެދުނު ކަމާއި ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އެގޮތަށް ބަންދުގައި ބަހައްޓައިދޭން ކޯޓުން އަމުރެއް ނެރެދީފައި ނުވާ ކަންވެސް ފާހަގަކޮށްފަ އެވެ. އަދި މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު ޒިންމާއަދާކުރުމަށް ފުރުސަތު ދިނުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ގާސިމް އިބްރާހީމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފަ އެވެ. މިދައުވާ ތަކުގެ ދެވަނަ އަޑުއެހުމެއް މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ވެސް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
ގާސިމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް މި ދެބޭފުޅުން ވަނީ އިންކާރުކުރައްވާފަ އެވެ.
ގާސިމް އިބްރާހީމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ މި ދައުވާތައް އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީން ވެސް މީގެ ކުރިން ވަނީ ގޮވާލާފަ އެވެ.
ގާސިމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރާ ދައުވާތައް ގެންދިއުމަށް ޖޭޕީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ