މިއީ މީޑިއާތަކަށް އެންމެ ބޮޑު ސަމާލުކަމެއް ދިން ސަރުކާރު

މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން މިއަންނަނީ ދެމުން ކަމަށާއި އެގޮތުން، މީޑިއާއަށް ކޮށްދޭނެ ކަމަށް ވީ ވަޢުދުތައް ފުއްދަމުންދާ ކަމަށެވެ. އަދި ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ތަރައްޤީ ކުރުމަށާއި، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރާނެ މަގު ފަހިކޮށްދިނުމަށް، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، ދެފުށް ފެންނަ ވަކިއުސޫލެއްގެ ތެރެއިން ދޭން ނިންމީވެސް ދިވެހި މީޑިއާ ތަރައްޤީކުރުމަށް ފުރުސަތު ފަހިކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މިނިވަން މީޑިއާއަކީ ޙައްޤެއް އަދި ޒިންމާއެއް ކަމަށާއި ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން، އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމައެހެންމެ، ދިވެހިން ޤަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށްވެސް މީޑިއާ ވާންޖެހެއެވެ. ސަރުކާރު ޒިންމާދާރުކުރުވުމާއި، ހާމަކަމާއި، ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔަމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، މި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތެވެ. ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވި އެވެ.
މީގެއިތުރުން ބަވަނަވަމުން އަންނަ ދުނިޔޭގައި، ދޮގު މަޢުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާ ދިޔުމާމެދުވެސް ރައްކާތެރިވާން ޖެހޭކަން ފާހަގަކުރެއްވި އެވެ. މިކަން މިހެން އޮތުމާއެކުގައި، ރައްޔިތުންނަށް ތެދު މަޢުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ