އޮފީސްތައް ބަންދުކޮށްގެން ޖަވާބެއްގެ އިންތިޒާރުގައި މާފަރު ރައްޔިތުން ތިބޭތާ ހަފުތާއެއް

ނ. މާފަރުގައި ހަދަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓްގެ މަސައްކަތް ނުފެށި ލަސްވާތީ އާއި އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ކަމަށް ބުނެ އެ ރަށުގެ އޮފީސްތައް ބަންދުކޮށް، ސަރުކާރުގެ ޖަވާބެއްގެ އިންތިޒާރުގައި ރައްޔިތުން މުޒާހަރާކުރާމުންދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މިދިޔަ މަހު 30 ގައި މާފަރު ރައްޔިތުން މުޒާހަރާ އަށް ނިކުތުމަށް ފަހު ކައްކައި، ކައިބޮއެ ހަދަނީ ވެސް ކައުންސިލް އިދާރާގެ ގޯތިތެރޭގަ އެވެ. ބައެއް މީހުން ސަތަރި އަޅައިގެން އެތަނުގައި ނިދާވެސް ހަދަ އެވެ.
ކައުންސިލްގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ރައްޔިތުންގެ ގިނަ ބަޔަކު ކައުންސިލް އިދާރާގެ ގޯތިތެރޭގައި މުޒާހަރާކުރަމުންދާތާ ނުވަ ދުވަސްވެފައި ވާއިރު ސަރުކާރުގެ އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ރަށުގެ ތަރައްގީއަށް މީގެ ހަތް އަހަރު ކުރިން އެކުލަވާލާފައިވާ މަޝްރޫއާ ބެހޭ މައުލޫމާތު ހޯދުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތަރައްގީގެ މަޝްރޫއުގައި އެ ރަށުގައި ބަނދަރު ހެދުމާއި އެއާޕޯޓެއް އެޅުމާއި ސިއްހީ ހިދުމަތްތަކާއި ތައުލީމްގެ ހިދުމަތް ފުޅާކުރަން ނިންމާފައިވީ ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގެންދެވި އޮތް ސަބަބެއް ކައުންސިލަށް ވެސް އަންގާފައި ނުވާ ކަމަށް އެ ރަށުގެ ކައުންސިލަރުން ވިދާޅުވި އެވެ.
"މާފަރު މައްސަލާގައި މަޖިލީސް ހޭލައިފި. މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ވަފުދެއް މިދިޔަ ހުކުރު ދުވަހު މިކޮޅަށް ވަޑައިގެންނެވި. އެކަމަކު ސަރުކާރުގެ އިޝާރާތެއް ނުވޭ. ައަސާސީ ހައްގުތަކެއް ނުލިބިގެން މުޒާހަރާކުރާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މައްސަލަ ބަލަމުން ނުދާތީ އަޅުގަނޑުމެން ކަންބޮޑުވޭ،" އާބާދީގައި ގާތްގަނޑަކަށް 1،100 މީހުން ހިމެނޭ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ ރަށު ސްކޫލާއި ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާ އާއި ކޯޓާއި އެ ނޫން ވެސް ހުރިހާ ތަނެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސިއްހީ މަރުކަޒުގެ ހާލަތު ދަށްކަން އަންގައިދޭން ކައުންސިލަރު ވިދާޅުވީ ލޭގެ ޕްރެޝާ ބެލުމަށް އެތަނުގައި ބޭނުންކުރާ ކަށިގަނޑުގައި ވެސް އޮތީ މަލަން އަޅާފައި ކަމަށާއި ޕްރެޝަރު އެނގެނީ ވެސް ހައެއްކަ ފަހަރު ބަލައިގެން ކަމަށެވެ. އެތަނުގައި ބޭނުންކުރާ ހުރިހާ ސާނާމެއް ވެސް ހުރީ އެ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ސްކޫލްތައް ފެށެން ހަފުތާއަކަށްވެފައި ވާއިރު އެ ރަށު ސްކޫލްގައި ކިޔަވަން ފެށުމަށްޓަކައި ވެސް އެއްވެސް ތައްޔާރީއެއް ވަމުން ނުދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ދަރިވަރުންނަށް މި އަހަރު ފޮނުވި ފޮތްތައް ވެސް އަތްނުލައި އެބަހުރި ސްކޫލްގައި،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ބުނީ ޕެޓިޝަނެއް މެދުވެރިކޮށް ސަރުކާރަށް ހުށަހަޅާފައިވާ ކަންކަމުގައި އެކަށީގެންވާ ޖަވާބެއް ލިބެންދެން މުޒާހަރާ ހުއްޓާނުލާނެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ