ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ގާއިމްކުރުމަށް ހަވާލުކޮށްފި

ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ހަރުކޮށް، އެ ހިދުމަތް ދިނުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަރަންޓު އުފެއްދުން އިތުރު ކުރުމަށް ހައިބްރިޑް ސިސްޓަމް ތަކެއް ގާއިމު ކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް މިހާރު ނިމި ބައެއް ރަށްރަށުގައި ހިދުމަތް ބޭނުން ކޮށްގެން ކަރަންޓު އުފައްދަން ވެސް ވަނީ ފަށާފައެވެ. މިއަދު މަސައްކަތް ހަވާލުކުރީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ހިންގުމަށެވެ. ދެވަނަ ފިޔަވަހީގެ ދަށުން ހއ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތަކެއް ހަރުކުރުމަށް ބީލަމަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކުރީ ޗައިނާގެ، ޗަންގް ޒޫ ޓްރީނާ ސޯލާރ އެނާޖީ ކޯޕަރޭޝަން ލިމިޓެޑާ އެކުގައެވެ. އެކަމުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ތާރިގް އިބްރާހީމެވެ. މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ބްރަޔަންއެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން ޖުމްލަ 10.4 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ހއ. އަތޮޅުގެ ރަށްރަށުގައި 2.3 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަވާލުކުރެވޭނެއެވެ. އޭގެ އިތުރުން ޑީސަލުން ކަރަންޓު އުފެއްދުމަށް 17 ޖެނެރޭޓަރު (3.3 މެގަ ވޮޓް) އާއި 2.5 މެގަވޮޓް އަވާގެ ބެޓެރިއާއި ކޭބަލާއި އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލް ބޯޑުތައް ހުރިހާ ރަށެއްގައި ބަހައްޓާއިރު، ކޮންމެ ރަށެއްގައި އެނާޖީ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމް ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ