ރާއްޖެއަށްޓަކައި އެ މީހަކު ކޮށްދީފައި ހުރި މަސައްކަތްތަކާއި ހޯދާފައި ހުރި ކާމިޔާބީތަކަށް ބަލައި ޕޮއިންޓް ދޭ ނަމަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް 99 ލިބޭއިރު އެހެން ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ އެންމެ 10 ކަމަށް ގާސިމް ރޭ ވިދާޅުވެއްޖެ އެވެ.
"މިއީ ކަށަވަރު ކަމެއް. މިއީ އަޅުގަނޑާ ވާދައިގެ ރޭހުގައި ނުކުންނަން ތިއްބެވި ބޭފުޅުންނަށް މިކަން އޮތް މިންވަރު. މިއީ ހަގީގަތް އޮތް މިންވަރު. ހަޔާތުގައި އެ މީހަކު ހޯދާފައި ހުރި ކާމިޔާބީ އާއި އޭނާ ކޮށްފައި ހުރި އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތަކުގައި އިންސާފުގެ މަގުން ބެލިޔަސް، މި ދެންނެވި ގޮތަށް ކޮންމެ ރޮނގަކުން ބެލިކަމުގައި ވިޔަސް އަޅުގަނޑަށް 99 ދޭ ކަމަށް ވަންޏާ އެހެން ބޭފުޅުންނަށް ދިހައެކޭ އަޅުގަނޑު ދަންނަވާނީ ދޭންޖެހޭނީ،" ހދ. ނޮޅިވަރަމްގެ "ނޫރު ގޮފި" އިފްތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މައިގަނޑު ގޮތެއްގައި އާންމުންނަށް ވިސްނަވައިދެއްވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ އޭނާ ކަމަށެވެ. އަދި ގާސިމް ވަނީ އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން އޭނާ މިހާތަނަށް ކޮށްދެއްވާފައިވާ ކަންތައްތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަ ދައްކަވައިފަ އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަ އަހަރު ރައްޔިތުން އޭނާ "ހޮއްވަވައި ދެއްވާނެ ކަމާ މެދު ޝައްކެއް ނުކުރަން" ކަމަށެވެ. އޭނާ ވިދާޅުވީ ތިންވަނަ ފިކުރަކާ މެދު ރައްޔިތުން މިއަދު އިންތިޒާރު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ގާސިމް ވަނީ އޭނާގެ ފިކުރު ވެސް ރައްޔިތުންނާ ހިއްސާ ކުރައްވައިފަ އެވެ.
"ގާސިމްގެ ފިކުރަކީ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ހަމަ އެކަކީ ވެސް ބޭސްފަރުވާ ނުކުރެވިގެން މަރުވެގެންދާނެ މީހަކަށް ނުވުން. ގާސިމްގެ ފިކުރަކީ ކޮންމެ ދަރިއަކީ ވެސް ތައުލީމީ ގޮތުން މަތީ ތައުލީމު ނުލިބޭނެ ދަރިއެއް ކަމަށްވާ ނަމަ މަތީ ތައުލީމު ހޯދައި ދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމާ އެކީގައި، ކޮންމެ މީހެއްގެ ދަރިއަކީ ވެސް މަތީ ތައުލީމަށް ހުށަހެޅިގެންދާނެ އަދި ކިޔަވައިދެވޭނެ ދަރިއަކަށް ހެދުން. ގާސިމްގެ ފިކުރަކީ އަދުލު އިންސާފު ގާއިމްކޮށްދިނުން. ގާސިމްގެ ފިކުރަކީ މި ގައުމުގައި އޮންނަންވީ އެއްބަނޑު އެއްބަފާ ވަންތަކަމާއި އަޚުވަންތަ ކަމާއި އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވީ އިސްލާމީ އުސޫލުތަކާއި ރިވެތި އަޚުލާގުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ރައްޔިތުންނަށް ހޯދައި ދިނުން،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ އަކީ މާ މޮޅު ވާހަކަ ދެއްކުންތެރިއަކަށް ނުވެދާނެ ކަމަށާއި ރައްޔިތުން މިއަދު ބޭނުންވަނީ އެފަދަ ވާހަކަ ދެއްކުންތެރިއެއް އަދި މާ މޮޅު މިއުޒީޝަނެއް ނޫން ކަމަށެވެ.
"ނުވަތަ އެ ބޭފުޅުން ބޭނުންފުޅުވެގެން އުޅެނީ މާ ހަށިގަނޑުން ރީތި، ޒުވާން ލޫޅާފަތި މީހެއް ވެސް ނޫންކަން. އެ ބޭފުޅުން ބޭނުންފުޅުވަނީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ކަންތައް ކޮށްދޭނެ މީހެއް،" ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރައްވައި ހަތަރުވަނަ އަށް ވަޑައިގެންނެވި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކީ ނަމަކަށް އޮތް ހިދުމަތަކަށް ވުރެ ބޮޑަށް ހަގީގީ މާނައިގައި ދޭ ހިދުމަތަކަށް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ޕެނަޑޯލް ގުޅައެއް ގަންނަން ނުލިބި 48 ގަޑިއިރު ވަންދެން އެއްވެސް ރަށެއްގައި ނޫޅެވޭނެ ގޮތަށް ހަދަން ބޭނުންވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދިވެހި ދައުލަތުން މަސްވެރިކަމަށް މިހާތަނަށް ނުކުރާ ވަރުގެ ބޮޑެތި އިންވެެސްޓްމަންޓްތައް އޭނާގެ ކުންފުނިތަކުން ކޮށްފައިވާ ކަމަށާއި މަސް ކިރާ އަގު މައްޗަށް ދިޔައީ އެހެންވެ ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީގައި އޭނާ ހޯއްދަވާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން ގާސިމް ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް އެ ތަންތަނުގައި އޭސީ ކޮޓަރިތަކުގައި ނިދައި، ސާފު ބޯފެނުން ފެންވެރުމުގެ ފުރުސަތު ލިބުނީ ވިލާގެ ރިސޯޓްތަކުން ކަމަށެވެ. އަދި ވިލާގެ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުން ފެށިގެން އެކައުންޓުންޓުންގެ މަގާމުތަކުގައި ތިބީ ދިވެހިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި ކީއްކުރަންތޯ؟ ފައިބަ އޮޕްޓިކް ކޭބަލް، އެންމެ އިންޗިއެއްގެ ކޭބަލް ވެސް ފުރަތަމަ ރާއްޖޭގައި ތައާރަފު ކުރީ ވެސް އަޅުގަނޑުމެން. އަޅުގަނޑުމެންގެ ރިސޯޓްތަކުގައި ފުރަތަމަ ޓީވީ ވެސް ލެވުނީ. އަދި މިނީ ބާ ވެސް ލީ. އަދި ފޯނު ވެސް ލީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިޔަފާރި ފެއްޓެވީ 15،000ރ. ގެ ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނަގައިގެން ކަމަށާއި ސަރުކާރުން މަޝްރޫއެއް ހޯދައިގެން ކުރެއްވި މަސައްކަތެއް ނޯންނާނެ ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް ވިލާ ގޮވައިގެން އެއްވެސް މީހަކު ޝަރުއީ މަރުހަލާ އަށް ގޮސްފައި ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނެ 50 މިލިއަން ރުފިޔާ އެކި ދުވަސްވަރު މީހުންނަށް، ރައްޔިތުންނަށް މާފުކޮށްދީފައި،" ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑަށް 99، އެހެން ބޭފުޅުންނަށް 10: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ