ސިޔާސީ ފިކުރު ތަފާތުވެގެން، އެއްވެސް ރަށެއްގެ ތަރައްގީ އަށް ސަރުކާރުން ހުރަހެއް ނާޅާނެ: ރައީސް ޔާމީން

ސިޔާސީ ފިކުރު ތަފާތުވެގެން އެއްވެސް ރަށެއްގެ ތަރައްގީ އަށް ހުރަސްއެޅުމަކީ ޕީޕީއެމް ސަރުކާރެއްގައި ކުރާނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ތުލުސްދޫގައި 33 ހެކްޓަރުގެ ބިން ހިއްކުން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ސަރުކާރުން މަސައްކަތް ކުރާނީ ހުރިހާ ދާއިރާތަކަށް ވެސް ކަނޑައަޅާފައިވާ މަޝްރޫއުތައް ބަޖެޓުގައި ހިމަނައިގެން، ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަންކަން ރައްޔިތުންނަށް ފަހިކޮށްދިނުމަށް ކަމަށެވެ. ޕީޕީއެމްގެ ސިޔާސީ ފިކުރާ އެއްގޮތް ނުވާ ފިކުރުގެ ރައްޔިތުން ދިރިއުޅޭ ރަށްރަށުގެ ތަރައްގީ އަށް އަޅާނުލައި ދޫކޮށްލުން އެއީ އެ މަނިކުފާނުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ތުލުސްދޫ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ. ތަރައްގީގެ މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދިނުމަކީ ރަށާއި ރައްޔިތުންގެ ކުރިއެރުމަށް އެއްބާރުލުން ދިނުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއީ އިގްތިސާދީ ގޮތުން ވެސް ރާއްޖެ އަށް ކުރިއެރުން ހޯދައިދޭން މަސައްކަތް ކުރާ ސަރުކާރެއް. ސިޔާސީ ގޮތުން އެކިއެކި ހަނގުރާމަ ތެރޭގައި ގެނބިގެން، ސަރުކާރަށް އުނދަގޫތަކެއް އުފުލަން ޖެހޭ ގޮތަކަށް މި ސަރުކާރުގެ މިސްރާބު ދޫނުކޮށްލާނެ ކަން ކަށަވަރު އެބަވޭ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކޯލިޝަނަށް 60 ގޮނޑި ކަށަވަރުވެފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ކަންކަމަށް ބޭނުންވާ ހުރިހާ ގާނޫނުތަކަށް މަޖިލީހުން ޖާގަ ލިބެންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތުލުސްދޫގެ ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް ރައީސް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި، ވާދަވެރިންނަށް ކުޑައިމީސްވާ ގޮތަށް ކަންކަން ނުކުރާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި ކުރިން ކޮށްފައިވާ ކަންކަމަށް ފާރަލައިގެން ތަހުގީގުކޮށް ބެލުމަކީ ވެސް އެމަނިކުފާނުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަން ބަލާނީ މިނިވަން މުއައްސަސާތަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ އަމަލެއް ކުރީގެ ސަރުކާރަކުން ހިންގާފައިވާ ނަމަ އެކަމެއް ބަލަން ޖެހެނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މިހާރު އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ހަރަދާއި މުލީއާގެ އާއި އެ ނޫން ވެސް ތަންތަން އޮޑިޓަ ޖެނެރަލް އޮޑިޓްކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެތަންތަނާ ގުޅިގެން ނެރޭ ރިޕޯޓްތަކަށް އެމަނިކުފާނު ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ރައްޔިތުން ހިތް ނުރުހޭ ގޮތަށް ކަމެއް ހިނގާފައިވާ ނަމަ އެއީ އަޅުގަނޑު ބަލައިގަންނާނެ ކަންކަން. އަޅުގަނޑު އިސްލާހު ކުރަން ވާނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ތުލުސްދު އަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ .-- ފޮޓޯ: ރައީސް އޮފީސް ތުލުސްދޫގެ ތަރައްގީއާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ އެ ރަށުގައި 33 ހެކްޓަރުގެ ބިން ހިއްކުމަކީ، ރަށް ދެ ގުނަ ވެގެންދާނެ ކަމެއް ކަމަށާއި އޭރުން އެ ރަށް ބަދަލުވެގެން ދަނީ އަގުބޮޑު ރައުސްމާލަކަށް ކަމަށެވެ. ބިން ބޮޑުކޮށް ތުލުސްދޫގެ ބޭނުން ވެސް އެންމެ ހެޔޮ ގޮތުގައި ހިފަން ޖެހޭނެ ކަމަށާއި އެހެން ނޫނީ ބިން ހިއްކުމުގެ މާބޮޑު ބޭނުމެއް ނުހިފޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތުލުސްދު އަކީ މިހާރު ވެސް ޓޫރިސްޓުންގެ މަންޒިލެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބިން ހިއްކައި ނިމުމުން، ޓޫރިސްޓުން އެ ރަށަށް ޒިޔާރަތްކުރާ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. ބިން ހިއްކައިގެން ރަށަށް އަންނަ ކުރިއެރުމަކީ ޔަގީނުން ވެސް ޓޫރިޒަމްގެ ސިނާއަތާ ގުޅުން ހުންނާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް ސަރުކާރުގެ ފަސް އަހަރަކީ އިގްތިސާދީ ގޮތުން ހެޔޮ ބަދަލުތަކެއް އައިސް، ރާއްޖެ އަށް ތަރައްގީ ގެންނާނެ ފަސް އަހަރު ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. އިގްތިސާދީ ގޮތުން މި ސަރުކާރުގައި ކުރިއެރުންތަކެއް ލިބުނަސް ބައެއް ކަހަލަ އިގްތިސާދީ ކަންކަން ހިފަހައްޓަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ނަމަ ވިއްސަކަށް ރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުން ވެސް ކުރިއަށް ގެންދެވިދާނެ. އެކަމަކު ނުކުންނަ މައްސަލައަކީ، ހަމައެކަނި ބިން ހިއްކައި ބަނދަރު ހަދައިދީގެން މައްސަލަ ހައްލެއް ނުވޭ. ބިން ހިއްކުމަކީ ދާދި ފަސޭހަ ކަމަކަށް ވޭ. ފައިސާ ލިބެންޏާ އެކަން ކުރެވޭ. އެކަމަކު ދެން އެއާ އެކު އެއްގަމު ތޮށިލުމާއި ބަނދަރު ތޮށިލުމާއި މިފަދަ ކަންކަމަކީ ބޮޑު ހަރަދެއް ހިނގާނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ތުލުސްދޫ ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
ތުލުސްދޫގެ ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް ހުޅުމާލެ އަކީ ޒުވާނުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދު ތަކުރާރުކުރައްވައި މިއަދު ވިދާޅުވީ އެ ރަށް ބޮޑުކުރުމަށް ހިއްކަން ޖެހޭނެ ކަމަށެވެ. އަދި ހުޅުމާލެ ހިއްކުމަކީ ބިޔަ މަޝްރޫއެއް ކަމަށާއި މި އަހަރު ތެރޭގައި ހުޅުމާލެ ހިއްކުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހުޅުމާލޭގެ ވެސް ބިން ހިއްކުމުގެ މަޝްރޫއު ނިމިގެންދާ އިރު އަޅުގަނޑުމެންގެ ބޭނުމަކަށް ވާނީ އަތޮޅުތަކުގެ ކުދި އާބާދީތަކުގައި ދިރިއުޅޭ، އަމުދުން އިގްތިސާދީ ގޮތުން ދަތި އުއްމީދެއް ނެތް ގޮތަށް ދިރިއުޅޭ ތަންތަނުގެ ޒުވާނުން އިރާދަކުރެއްވިއްޔާ ހުޅުމާލެ އަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވިސްނުމަކީ ހުޅުމާލެ އަކީ 50،000 މީހުންގެ އާބާދީ ވަޒަންވެރިވެގެން އުޅެވޭނެ ޔޫތު ސިޓީއެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އިންވެސްޓްމަންޓް ފޯރަމާއި އެ ނޫން ވެސް މަސައްކަތުގައި، ހުޅުމާލެ މަޝްރޫއަށް އިސްކަންދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ