24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށްދެއްވީ މި ސަރުކާރުން: މިނިސްޓަރ ތޯރިގް
24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް އެންވަރަޔަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ."24 ގަޑިއިރު ކަރަންޓް ޔަގީން" ގެ ނަމުގައި ފެނަކަ ކޯޕަރޭޝަނުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ޔަގީންވީ ރައީސް ޔާމީންގެ ޒައާމަތުގައި ކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން ކަރަންޓް ދެމުން ދިޔައީ 8 ގަޑިއިރާއި، 12 ގަޑިއިރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.24 ގަޑިއިރު ކަރަންޓް ޔަގީން ކުރުމުގެ މުހިންމުކަމުގެ ވާހަކައަށް އަލި އަޅުއްވާލައްވާ މިނިސްޓަރ ތޯރިގު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެން ކަރަންޓް ނުލިބޭ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ފުރަތަމަ 77 ޖަނަރޭޓަރު ގެނެސްދެއްވި ކަމަށެވެ. އަދި އެ 77 ޖަނަރޭޓަރު ރަށްތަކަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ޔުޓިލިޓީޒް ކުންފުނިތައް ހަދައިގެން ރަނގަޅު ހިދުމަތްތަކެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ހިދުމަތުގެ ފެންވަރު ދަށްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި އިންޖީނުގެތަކުގެ ފެންވަރު ދަށްވެގެން ދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ނަމަވެސް މި ސަރުކާރުން ފެއްޓެވި މަސައްކަތުގެ ތެރެއިން ކަރަންޓުގެ ވިއުގަ ރަނގަޅު ކުރުމާއި ޕަވަރ ހައުސްތަކުގެ ފެންވަރު ރަނގަޅު ކުރުން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުން ދުރަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދެއްވަމުން ގެންދަވަނީވެސް މި ސަރުކާރުން ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އިރު، ލިބެނީ 2 މެގަވޯޓްގެ އިޔާދަކުރަނިވި ހަކަތަ ކަމަށާއި މިއަދު އެ އަދަދު 14 މެގަވޯޓް އަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި 9 މެގަވޯޓްގެ އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދެމުންދާ ކަމަށާއި 5 މެގަވޯޓްގެ އިޔާދަކުރަނިވި ހަކަތަ އިތުރަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 35 ޖަނަރޭޓަރު ހަދިޔާކޮށްދެއްވާފައެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓަރ ތޯރިގް ވިދާޅުވީ ވަރަށް އަވަހަށް އެ ޖަނަރޭޓަރުތައް އިންސްޓޯލްކޮށް ރަށްތަކަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ދެވަނަ ދައުރުގައި އިންޖީނުގެތަކުގެ ފެންވަރު ރަނގަޅުވެ، ރަނގަޅު ފެންވަރުގެ ޖަނަރޭޓަރުތައް އިތުރު ކަންކޮޅުތަކަށް ފޮނުވާނެ ކަމަށް ވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ