ބޮޑު ޖަލްސާއަށް ހުރަސް އަޅަން ކަރަންޓު ދުއްވާލުން އެކަށީގެންވޭ – މާރިޔާ

ސަރުކާރާ އިދިކޮޅު ކޯލިޝަނުން 2018 ސެޕްޓެމްބަރ 8 ވާ ހޮނިހިރު ދުވަހު މާލޭގައި ބާއްވާ ބޮޑު ޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން ކަރަންޓާއި، އެހެނިހެން ޚިދުމަތްތައް ކަނޑާލުން އެކަށީގެންވާކަމަށް ކޯލިޝަންގެ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، 2018 ސެޕްޓެމްބަރ 8 ވާ ހޮނިހިރު ދުވަހު ބޮޑު ޖަލްސާ ބާއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާ ކަމަށާއި، އެރޭ މާލޭ އަލިމަސް ކާނިވަލުގައި ބާއްވަން ގަސްދުކުރައްވަނީ ޖަޒީރާ ރާއްޖޭގެ ބޮޑު ޖަލްސާއެއް ކަމަށެވެ.
"8 ސެޕްޓެމްބަރ ގައި ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ޖަލްސާއެއް ބާއްވާކަމަށްވަންޏާ، އަދި މާލޭގައި ހާއްޞަކޮށް ބާއްވާ ކަމަށްވަންޏާ އަދި އެ ބޮޑު ޖަލްސާއަކަށް ވާނެކަން. އެއީ ހުރިހާ އެންމެނަށްވެސް އެނގޭ ކަމެއް. އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަރަންޓާ ހުރިހާ އެއްޗެއްވެސް ދިއުމަކީ އެކަށީގެންވާ ކަމެއް." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ކޯލިޝަންގެ ކެންޑިޑޭޓް ހުވަދޫ އަތޮޅަށް ކުރެއްވި ދަތުރުގެ މަންޒަރުތައް ޓީވީތަކުން ދައްކަމުންދާތީ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓާއި، ކޭބަލްޓީވީގެ މައްސަލަތައް ދިމާވެ އެ މަންޒަރުތައް ރައްޔިތުންނަށް ދެއްކުމުގައި ހުރަސްތަކެއް ކުރިމަތި ކުރުވާފައިވާ ކަމަށެވެ.
"ހުވަދޫއަށް ވަޑައިގެން ވަގުތުތަކުގައި މާލޭގެ ކޭބަލް ނެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރާއި، ރާއްޖެޓީވީއާއި މިހެންގޮސް މާލޭގެ އެކި ތަންތަނުން ކަރަންޓު ކަނޑަމުން ގެންދިޔަ. ކަރަންޓު ކެނޑުމުގެ ބޭނުމެއްކަމަށް އަޅުގަނދުމެން ދުށީ އަޅުގަނޑުމެންގެ ގުޅިފައިވާ ޕާޓީގެ ކެންޑިޑޭޓް އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުވަދޫއާ ތަންތަނުން އެފެންނަމުންދާ ތާއީދުގެ މަންޒަރުތައް ފެނދިދާނެތީ ކަންބޮޑުފުޅުވާ ވަރުން." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، މާލޭގައި ބާއްވާ ބޮޑު ޖަލްސާ ޓީވީން ބައްލަވަން ގޭގައި މަޑު ނުކުރައްވާ ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުން ކާނިވާ ސަރަހައްދަށް ވަޑައިގެންނެވުމަކީ ކޯލިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"މި މާލޭގައި އުޅުއްވާ ހުރިހާ ބޭފުޅުން ނިކުމެވަޑައިގެން މި ޖަލްސާއަށް ވަޑައިގަންނަވަން. ހުރިހާ ބެފުޅުންވެސް އަޅުގަނޑު ހަމަ ނަސޭހަތްތެރިވާނީ އަލިމަސް ކާނިވާ ސަރަހައްދަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން. ގޭގައި ތިއްބަވައިގެން ހަމައެކަނި ޓީވީން ބައްލަވާލައްވާނީއޭ ހިތްޕުޅަށް އަރުއްވައިގެން ނުތިއްބަވާ ވީހާވެސް ގިނަ ރައްޔިތުން ޖަލްސާއަށް ވަޑައިގަންނަވާ." މާރިޔާ ވިދާޅުވިއެވެ.
އިތުރަށް މާރިޔާ ވިދާޅުވީ، މާލޭގައި ތިން އަހަރު ފަހުން ބޮޑު ޖަލްސާއެއް ބާއްވާކަމުގެ އުފާވެރި ހަބަރު ލިބުމުން އެކަމުގެ އުފަލުގައި ރާއްޖޭގެ ބައެއް ދާއިރާތަކުން ފަރިވަޅު ކައްކައިގެން މަރުހަބާ ކިޔަން މާލެ އަންނަ ވާހަކަވެސް ދައްކަމުންދާ ކަމަށާއި، ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ.
ފެންނަ މަންޒަރު ވަރަށް ސާފު ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޮޑުތަކުން މޮޅުވާނެ ކަމަށް އަދި އިދިކޮޅު ކޯލިޝަނަށް ރާއްޖޭގައި ތާއީދު އޮތް އަދަދުތައް ފެނިއްޖެނަމަ އިދިކޮޅު ކެންޑިޑޭޓް، ރައީސް ޔާމީން ފިއްކަނޑައިގެންދާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ހަމައެއާއެކު ކުރީގެ ރައީސް ނަޝީދަށާއި، ކުރީގެ ރައީސް މަޢުމޫނަށާއި، ޤާސިމް އިބްރާހީމްއާއި ޖުމްހޫރީ ޕާޓީއަށް އަދި ޝެއިޚް އިމްރާނާއި އަދާލަތު ޕާޓީއަށް ތާއީދުކުރައްވާ ބޭފުޅުންވެސް 2018 ސެޕްޓެމްބަރ 23 ގައި ނަގާ ވޯތުގައި އިބޫއަށް ތާއީދު ކުރެއްވުމަށް މާރިޔާ ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ