ލަންކާގެ ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމަކީ އިންސާނީ ހަައްގެއް - ޚުތުބާ

އަވަށްޓެރި ސްރީލަންކާއަށް މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާތަކާއި ގުޅިގެން އެ ގައުމުގައި ދިރިއުޅެމުންދާ މީހުންނަށް ހިތްވަރުދީ އެހީތެރިވުމަކީ އެންމެންގެ މައްޗަށް އޮތް އިންސާނީ ހައްގެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކަކީ "އިޚްސާންތެރިވުން"އެވެ. މިއަދުގެ ހުތުބާގައި ސްރީލަންކާއަށް ދިމާވި ހިތާމަވެރި ހާދިސާއަށްވެސް ވަނީ އަލިއަޅުވާލާ ވިދާޅުވެފައި ވަނީ، ދާދިފަހުން ސްރީލަންކާގެ ރައްޔިތުންނަށް ބޮޑު މުސީބާތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށާއި، ރަހުމެއް ނެތް އަނިޔާވެރި ހަމަލާތަކުން އެ ގައުމުގެ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާކަމަށަށެވެ.
އަދި މި ހަމަލާތަކުގެ ޝިކާރައަކަށް ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރު ޒުވާނުންވެސް ވި ކަމަށް ހުތުބާގައި ވެއެވެ.
"އަޅުގަނޑުމެން އަވަށްޓެރި ގައުމެއްގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިފަދަ ހިތާމަތަކާއި، ކުރިމަތިލާން ޖެހިފައިވާއިރު، އެ މީހުންނަށް ހިތްވަރުދީ އެހީތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް އިންސާނީ ހައްގެކެވެ. އަދި މިފަަދަ ދަނޑިވަޅެއްގައި ވެވުނު ވަރަކުން އެބައިމީހުންގެ ތަކުލީފުތަކާއި، އުދާސްތަކުގައި ބައިވެރިވާން ޖެހެއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، ހާއްސަ ގޮތެއްގައި ލޭއަޅާ ކުދިންނަށް އެހީތެރިކަމާއި އަޅާލުން ދޭން ޖެހޭ ކަމަށެވެ. އެކުދިންގެ ބެލެނެވެރިންގެ އުދާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށާއި، އެކުދިން އެދި ގޮވަނީ އަހަރުމެންގެ އެހީތެރިކަމަށް ކަން ހުތުބާގައި ވެއެވެ.
"އެ ކުދިންގެ މައިންބަފައިންނާއި ބެެލެނެވެރިން އިންތިޒާރު ކުރަމުންދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށެވެ. އެ ތުއްތު ކުދިންނަކީވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި އެއް ބައެވެ. އެ ކުދިންވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނެއެވެ. އެ ކުދިން އާދޭސް ކުރަމުން އެދަނީ އަޅުގަނޑުމެން ހަދިޔާކުރާނެ ލޭތިއްކަކަށެވެ. ނުވަތަ އަޅުގަނޑުމެން ހަދިޔާ ކުރާނެ ފައިސާފޮއްޗަކަށެވެ". ހުތުބާގައި ވެއެވެ.
ޙުތުބާގައި ވިދާޅުވެފައި ވަނީ، ކޮންމެ އިންސާނަކީ އެހެން މީހުންގެ އަޅާލުމާއި އެހީތެރިކަން ބޭނުންވާނެ މީހެއް ކަމަށާއި، މުސީބާތްތަކާއި، ތަކުލީފް ޖެހޭ ވަގުތު އެހެން މީހުންނަށް އެހީތެރިވެ ހަމްދަރްދީވާން ޖެހޭނެ ކަމަށެވެ. އަދި އެ މީހުންނަށް އަޅާލުމާއި، އެހީތެރިވެދިނުމަކީ ވާޖިބުކަމެއް ކަމަށްވެސް ޚުތުބާގައި ވިދާޅުވެފައި ވެއެވެ. އަދި އެއީ މުއުމިނުންގެ ސިފައެއްކަމަށްވެސް ޚުތުބާގައި ވެއެވެ.
ހުތުބާގައި ވިދާޅުވެފައި ވަނީ މާތްﷲ އިންސާނުން އުފައްދަފާވައި ވަނީ އެއްބަނޑު އެއްބަފާ މީހުންގެ ގޮތުގައި ކަމަށާއި، އަދި އެކަކު އަނެކަކަށް އެހީތެރިވެ އިޖްތިމާއީ ދިރިއުޅުމެއް އުޅެވޭނެ ގޮތަށް ކަމަށެވެ.
"މީސްތަކުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅިލާމެހިފާވާ ބައެކެވެ". ޚުތުބާގައި ވެއެވެ.
އަދި މުޖުތަމައުގައި އަފްރާދުން ވާން ޖެހޭނީ އެއް ހަށިގަނޑެއް ފަދައިން އެކުވެރި ބަޔަކަށް ކަމަށްވެސް ހުތުބާގައި ވެއެވެ. އަދި މި އިސްލާމީ މުޖުތަމައުގައި އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ބަޔަކު ދިރިއުޅެމުންދާ ކަމަށާއި، އެ މީހުންނަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ޔަތީމުންނަށް އަޅާލަން ޖެހޭކަމަށްވެސް ހުތުބާގައި ވެއެވެ.
"އެފަދަ މީހުންނަށް އަޅުގަނޑުމެން އެހީތެރިވާން ޖެހެއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި ކުލުނުގެ ނަޒަރަކުން އެ މީހުންނަށް ބަލައިލަން އެބަ ޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ޔަތީމް ކުދިންނަށާއި، އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިވާން ޖެހެއެވެ. އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން އެބަޖެހެއެވެ". ހުތުބާގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ